އައްޑޫ ސިޓީއިން ފުރަތަމަ ފަހަރަށް ކޮވިޑް19 ޖެހިގެން މީހަކު މަރުވެއްޖެ އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު "ސަން" އަށް ވިދާޅުވީ މިރޭ 10:45ހާއިރު މަރުވެފައިވަނީ 80 އަހަރުން މަތީގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާއަށް ކޮވިޑް ޖެހުނީ އެހެން ބައްޔަކަށް ފަރުވާ ހޯދަމުންދަނިކޮށް ކަމަށާއި މަރުވީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

މިއާއެކު މި ބަލީގައި މިއަދު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 11އަށް އަރާފަ އެވެ. މިއީ އެއް ދުވަހެއްގެ ތެރޭގައި ކޮވިޑްގައި މިހާ ގިނަ މީހުން މަރުވި ފުރަތަމަ ދުވަހެވެ.

މި މަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 67އަށް އަރާފައިވާއިރު، މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ ޖުމުލަ އަދަދަކީ 140 އެވެ.