މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ގާތުން ބެލުމަށްޓަކައި ކޮންމެ ކޮށްޓަކަށް (ބްލޮކް) ވެރިއެއް އައްޔަންކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ ވަކިވަކިން ކޮންމެ ބްލޮކަކަށް ހޮވާ ވެރިޔަކީ އެ ބްލޮކެއްގެ ދިރިއުޅޭ ރައްޔިތުން ހޮވާ ފަރާތެއް ކަމަށެވެ.

އެގޮތުން މާލެ، ހުޅުމާލޭ އަދި ވިލިމާލެއިން ވެސް ބްލޮކް ލީޑަރުން އައްޔަންކުރަން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

ބްލޮކް ލީޑަރުން ނެގުމުގެ ބޭނުމަކީ ރައްޔިތުންގެ ބޭނުންތައް ފުދޭތޯއާއި ރައްޔިތުންގެ ހާލަތު މިހާރަށްވުރެ ގާތުން ބެލުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބްލޮކްތަކުގެ ވެރިންނަށް އަދި އެއްވެސް މުސާރައެއް ނުވަތަ އުޖޫރައެއް ދޭން ކަނޑައަޅާފައި ނުވާ ކަމަށާއި ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވެ، ހަމައަކަށް އެޅުމުން ކޮންމެވެސް އުޖޫރައެއް ދެވޭ ގޮތަށް ބަދަލުކުރުމަކީ ކައުންސިލްގެ އުންމީދެއް ކަމަށެވެ.

އުޖޫރައެއް ނުހިނގި ނަމަވެސް، ގެޒެޓު ކުރެވޭ ގަވާއިދެއްގެ ދަށުން ބްލޮކްތަކުގެ ވެރިންނަށް ކަނޑައަޅާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާން ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.