13 Feb 2012, 11:43
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ހިނގައި ދިޔަ ހަމަނުޖެހުންތަކާއި އިސްތިއުފާ ދެއްވުމަށް ފަހު ހިނގައިދިޔަ ކަންކަން އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ދިރާސާ ކުރުމަށް ނިންމައިފި އެވެ.
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ މުގައްރިރުކަން ކަން ކުރައްވާ ކުރީގެ ހައުސިން މިނިސްޓަފރު އަސްލަމް ވިދާޅުވީ މި މަހުގެ ހަތް ވަނަ ދުވަހާއި އަށް ވަނަ ދުވަހު ހިނގައި ދިޔަ ހާދިސާތައް ދިރާސާ ކުރުމަށް ފަހު އެކަން ކަން ހިއްސާ ކުރަން ޖެހޭ ފަރާތްތަކާ ހިއްސާ ކުރުމަށް ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ދިރާސާތަކަށް ފަހު ޝަރީއަތަށް ހުށަހަޅަން ޖެހޭ ކަންކަން ޝަރީއަތަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކަންކަން ދިރާސާ ކުރުމަށް ފަހު ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރާނަން. އިތުރު ހެއްކަކާ ނުލައި ކަށަވަރުކުރެވޭ ވަރަށް އެ ދުވަހު ހިނގައި ދިޔަ ބައެއް ކަން ކަމުގެ ފޮޓޯތަކާއި ވީޑީއޯތައް ވަނީ ލިބިފައި." އޭނާ ވިދާޅުވި އެވެ.
އެގޮތުން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ހިންގި" ބަޣާވާތުގައި" އިސްކޮށް އުޅުނު މީހުންނަކީ ކޮބައިތޯ ދިރާސާ ކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"ރައީސް ނަޝީދަށް އިސްތިއުފާ ދެއްވުމަށް މަޖުބޫރުކޮށް މި ގައުމުގައި ހިންގި ބަޣާވާތް ހިންގުމުގައި އިސްކޮށް އުޅުނު މީހުންނަކީ ކޮބައިތޯ ބަލާނަން. އެ ބަޣާވާތުގައި ހުރިހާ ފުލުހުންނާއި ސިފައިން ޝާމިލްވާ ކަމަށް ބުނެ އަޅުގަނޑުމެން އެކަން ނިންމައެއް ނުލާނަން. މިކަން ހިންގުމުގައި އިސް ނަގައިގެން އެކަން ހިންގި މީހުން ކޮބައިތޯ ބަލާނަން." އަސްލަމް ވިދާޅުވި އެވެ.
އަދި އޭނާ ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު އެމްޑީޕީން މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި އެއްވުން ރޫޅާލުމަށް ފުލުހުން ހިންގި "ލާއިންސާނީ" އަމަލުތައް ވެސް އެ ކޮމިޓީން ދިރާސާ ކުރާނެ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިންގާ ކޮމެޓީގައި ހިމެނެނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްޙަތު އިބްރާހީމް ކަލޭފާނާއި ކުރީގެ ހޯމް މިނިސްޓަރު ޙަސަން އަފީފާއި ކުރީގެ ފޮރިން މިނިސްޓަރު އަޙުމަދު ނަސީމް އާއި، ކުރީގެ ފިނޭންސް މިނިސްޓަރު މުޙައްމަދު ޝިހާބާއި އަދި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދާއި މާލެ ސިޓީ ކައުންސިލްގެ މެންބަރު ސަރަނގު އާދަމް މަނިކުގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ މިނިސްޓަރު މުޙައްމަދު އަސްލަމެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ވައްޓާލާފައި ވަނީ ބަޣާވާތެއްގެ ތެރެއިން ކަމަށް ބުނެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަގާމުން އިސްތިއުފާ ދެއްވައި އިންތިހާބެއް ބޭއްވުމަށް އެމްޑީޕީން އަންނަނީ ގޮވާލަމުން ނެވެ.