24 May 2021, 21:28
ކޮވިޑް19އަށް ފަރުވާ ދޭން ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ގެންގޮސް، ގެއްލުނު އުމުރުން ދުވަސްވީ މީހާ ހުރީ އިތުރު ފަރުވާއަށް އެހެން ވޯޑަކަށް ބަދަލުކޮށްފައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ފެސިލިޓީއިން ގެއްލިގެން ހޯދަމުންދިޔައީ 90 އަހަރުން މަތީގެ ދިވެހި ފިރިހެނެކެވެ. ފަރުވާ ދިނުމަށް ފެސިލިޓީއަށް ގެންދިއުމަށްފަހު ހަބަރެއް ނުވެގެން ތިން ދުވަސްވުމުން އާއިލާއިން ވަނީ އެކަން ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
އާއިލާގެ މެމްބަރަކު ކުރި ޓުވީޓުގައި ބުނެފައިވަނީ ބަލިމީހާ ގެއްލިގެން އެޗްޕީއޭއަށް ގުޅުމުންވެސް އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
އެ ޓުވީޓަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ ބަލިމީހާގެ އެމަޖެންސީ ކޮންޓެކްޓަށް ހުޅުމާލޭ ފެސިލިޓީއިން މިހާރު ގުޅާފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުންދިޔަ މުއްދަތުގައި ބަލިމީހާ ވަނީ އިތުރު ފަރުވާއަށް އެހެން ވޯޑަކަށް ބަދަލުކޮށްފައި ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ. އަދި މިކަމަށް އޭނާ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.