ގްރޭޓާ މާލޭ ސަރަހައްދުގައި، ފުލުހުން ދޫކުރާ ފާހަކާ ނުލައި އެއްވެސް ގަޑިއަކު ބޭރަށް ނުދެވޭ ގޮތަށް ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

އެޗުއީއޯސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކާފިއު ވަގުތު އިތުރުކޮށް، އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ފާހަކާ ނުލައި، މާލެ، ހުޅުމާލެ، ވިލިނގިލި، ތިލަފުށި، އަދި ގުޅީފަޅުގައި، ބޭރަށް ނުދެވޭ ގޮތަށް ފިޔަވަޅުތަކަށް ބަދަލު ގެެނެސްފައިވާ ކަމަށެވެ. އެ ފިޔަވަޅުތަކަށް އަމަލުކުރަން ފައްޓާނީ އަންނަ ބުދަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަކަށް ކަމަށް ސަރުކާރުން ބުންޏެވެ.

ކާފިއު އިތުރުކޮށްފައި ވަނީ ހަވީރު 4:00 އިން ހެނދުނު 8:00އަށެވެ. އެ ނޫން ގަޑިތަކުގައި ބޭރަށް ނިކުތުމަށް ކޮންމެ ގޭބިސީއަކަށް ވެސް ދެ ފާސް ދޫކުރަން ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"ގެއިން ނިކުތުމަށް ކޮންމެ ގޭބިސީއަކަށް ވެސް ދެ ރެސިޑެންޝަލް ޕާމިޓެއް ދޫކުރެވޭނެ... އެ ޕާމިޓް ދޫކުރެވޭނީ ދުވާލުގެ ކާފިއު ވަގުތުތަކުގައި ދެބަޔަކަށް ބަހާލައިގެން. ބައެއް ޕާމިޓްތައް ދޫކުރެވޭނީ ހެނދުނު 8:00އިން މެންދުރު 12:00އަށް. އަނެއް ޕާމިޓްތައް ދޫކުރެވޭނީ މެންދުރު 12:00އިން ހަވީރު 4:00އަށް." މަބްރޫކް ވިދާޅުވި އެވެ.

އެގޮތަށް ހުއްދަ ފާސްދޫކުރަނީ ކޮންމެހެން ގެއަށް ބޭނުންވާ ތަކެތި ގަތުމަށް ކަމަށާއި އެހެން ނަމަވެސް ހާއްސަ ހާލަތެއް މެދުވެރިގެން ނޫނީ އެ ފާސް ބޭނުންކޮށްގެން މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރު ނުކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އޮފީސްތަކުގެ މުވައްޒަފުން ވަޒީފާ އަދާކުރަން ދިއުމަށް ހުއްދަ ދޫކުރާނީ އިކޮނޮމިކް މިނިސްޓްރީން ކަމަށާއި އެ ފާސް ހޯދަން ޖެހޭނީ އެ އޮފީހަކުން ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނީ ފަހަކަށް އައިސް އެ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް އިތުރުވުމުންނެވެ.

މިވަގުތު ބަލިޖެހިފައިތިބި 23،464 މީހުން ތިބިއިރު، މިހާތަނަށް 137 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.