ލ. އިސްދޫ ޕޮލިސް ޕޯސްޓަށް ގެއްލުންދީ ހެދިކަމުގެ ތުހުމަތުގައި އެރަށު ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ކައުންސިލް މެމްބަރަކާ އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިސްދޫ ޕޮލިސް ޕޯސްޓަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި އެރަށުން ފަސް މީހަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހެއްގެ ތަފްސީލެއް ފުލުހުން އާންމެއް ނުކުރެ އެވެ.

އިސްދޫން ވާހަކަ ދެއްކި މީހަކު ބުނީ އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ތިން ކައުންސިލަރުން ވެސް ގެންދެވީ ރަސްމީ ގަޑީގައި މަސައްކަތުގައި އުޅުއްވަނިކޮށް ކަމަށާއި އަދި ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ފަރާތް ވެސް ފުލުހުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު އާންމު މީހަކު ވެސް އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ ކަމަށް އިސްދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ ހައްޔަރު ކުރި އެންމެންނަކީ ވެސް އެދުވަހު ނުކުމެ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން ކަމުގެ ތުހަމަތުގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށެވެ.