މާލެ ސަރަހައްދުގައި ކާފިއު ހިންގާ ވަގުތު ހަވީރު 4:00އިން ހެނދުނު 8:00އަށް އިތުރުކޮށް، އެ ނޫން ވަގުތުތަކުގައި ބޭރަށް ދާން ހުއްދަ ނަގަން ޖެހޭ ގޮތަށް ނިންމައިފި އެވެ.

އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ނިންމުމަމަށް އަމަލުކުރަން ފަށާނީ މި މަހުގެ 26ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ކާފިއު ވަގުތު އިތުރުކުރުމުގެ އިތުރުން، ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރަށް ދެވޭނީ ފުލުހުން ދޫކުރާ ހުއްދައަކާއެކު ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"ގެއިން ނިކުތުމަށް ކޮންމެ ގޭބިސީއަކަށްވެސް ދެ ރެސިޑެންޝަލް ޕާމިޓެއް ދޫކުރެވޭނެ... އެ ޕާމިޓް ދޫކުރެވޭނީ ދުވާލުގެ ކާފިއު ވަގުތުތަކުގައި ދެބަޔަކަށް ބަހާލައިގެން. ބައެއް ޕާމިޓޫތައް ދޫކުރެވޭނީ ހެނދުނު 8:00އިން މެންދުރު 12:00އަށް. އަނެއް ޕާމިޓްތައް ދޫކުރެވޭނީ މެންދުރު 12:00އިން ހަވީރު 4:00އަށް." މަބްރޫކް ވިދާޅުވި އެވެ.

ވިޔަފާރިތަކަށް ޑެލިވަރީގެ ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން މެންދަމު 12:00އާ ހަމައަށެވެ.

ކާފިއު ވަގުތުތަކުގައި ފިހާރަތަކުން ވިޔަފާރިކޮށް، ކެފޭތަކުން ޓޭކްއަވޭ ނަގާކަން ފުލުހުންނަށް ފާހަގަވެއްޖެނަމަ، އެންމެ މަދުވެގެން 5،000 ރުފިޔާގެ ޖޫރިމަނާއެއް ކުރަން ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އިއްޔެ ހަވީރު 6:00އާ ހަމައަށް ރާއްޖެއިން 55،924 މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. މިވަގުތު 23،464 މީހުންނަށް އެ ބަލި ޖެހިފައިވާއިރު، 290 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.