މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދެވުނީ ކޮންމެވެސް ބައެއްގެ އިހުމާލުތަކެއް ވާތީ ކަމަށާއި އިންޓެލިޖެންސް ނިޒާމަށް ވެސް ބަދަލު އަންނަން ޖެހޭކަން މި ހަމަލާއިން ހާމަވެއްޖެ ކަމަށް އެ މައްސަލަ ތަހުގީގު ކުރާ މަޖިލިސް ކޮމިޓީގެ މުގައްރިރު މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއާ ހިންގާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވީ، ނަޝީދަށް ހަމަލާ ދިނުމަށް މެދުވެރިވުމުގައި ކޮންމެވެސް ދިމާލަކުން، ކޮންމެވެސް ކަމެއް ފެއިލްވެފައިވާކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

"[ނަޝީދުގެ ސެކިއުރިޓީ] ބްރީޗްވުން، ފެއިލިއާ ނުވަތަ ލެޕްސްވުން، އެކަން އެހެންވީމަ ދެއްތޯ، [އެފަދަ ހަމަލާއެއް ދެވެނީ]. ކޮންމެ ގޮތަކަށް ކަން ހިނގައިދިޔަސް، ހިމާޔަތް ދެމުންދާ ބޭފުޅަކަށް ކަމެއް ދިމާވުމުން އެއޮތީ ކޮންމެވެސް އެއް ދިމާލަކުން ކޮންމެވެސް އެއް ކަމެއް ވެފައި. އެއީ ސާފު [ކަމެއް]. އެކަން އޮއޮތީ ދިމާވެފައި، ދިމާވީމަ އެއޮތީ ކޮންމެވެސް އެއް ދިމާލަކުން ބްރީޗެއް، ލެޕްސެއް، ކޮންމެވެސް އެއް ދިމާލެއްގައި ފޭލިއާއެއް،" އެ ހަމަލާ ހިނގީ ސެކިއުރިޓީ ބްރީޗް ވެގެންތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވާހަކަ ދައްކަވަނީ: ނަޝީދަށް އަމާޒުވި ހަމަލާ ހިންގީ ކޮންމެވެސް ދިމާލެއްގެ ފެއިލިއާއިން ކަމަށް އޭނާ ގަބޫލު ކުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ، ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކަށް އެ ހިދުމަތް ދެމުން އަންނަނީ ކޮން ގޮތަކަށްތޯ ބަލާނޭ ކަމަށެވެ. އެގޮތުން ގާނޫނީ މިންގަނޑުތަކަށް ފެތޭތޯ އާއި ރައީސް ނަޝީދާ މެދު އަމަލު ކުރަމުން ދިޔަ ގޮތްވެސް އިންކުއަރީގެ ތެރެއިން ބަލާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އަދި އެކަމުގައި ސާފު ޖަވާބެއް އެނގޭނީ އިންކުއަރީއަށް ފަހުކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކި ބަޔަކު ކުއްވެރިކުރާކަން ނޫން އަޅުގަނޑުމެންގެ މަގްސަދަކީ. މިކަން ދެނަގަނެ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން. ފިޔަވަޅުތަކުގެ ތެރޭގައި ވަކި ފަރާތެއްގެ އިހުމާލެއް އޮތް ނަމަ އެކަން ފާހަގަ ކުރެވިގެން ދާނެ. އެހެން ނަމަވެސް މައިގަނޑު އަމާޒަކީ، ވަކި މީހެއް ކުއްވެރިވަނީއެއް ނުން، މުޅި ނިޒާމްގައި ހުރި މައްސަލަތަކަށް ފޯކަސް ކުރުން،" އަސްލަމް ވިދާޅުވި އެވެ.

އިންޓެލިޖެންސް ނިޒާމަށް ބަދަލުތަކެއް އަންނަން ޖެހޭ!

މޭ 24، 2021: ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ނަޝިދަށް ދިން ހަމަލާ ހިނގުމުގެ ކުރިން ފުލުހުން އަދި ސިފައިންގެ އިންޓެލިޖެންސްއަށް އެ ހަމަލާއާ ގުޅޭ މައުލޫމާތެއް ނުލިބޭ ކަމަށް އެ ދެ މުއައްސަސާއިންވެސް ވަނީ ބުނެފަ އެވެ. އަދި ދެ މުއައްސަސާގެ ވާދަވެރިކަމާއެކު ރާއްޖޭގެ އިންޓެލިޖެންސް ރަނގަޅަށް މަސައްކަތް ނުކުރާތީ ބައެއް މަޖިލިސް މެމްބަރުންވެސް ފާޑުވިދާޅުވެ، އެ ނިޒާމް ބަދަލު ކުރަން ވަނީ ގޮވާލާފައިފަ އެވެ.

އިންޓެލިޖެންސް ނިޒާމް ބަދަލު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އަސްލަމް މިއަދު ވިދާޅުވި އެވެ. އޭނާ އެގޮތަށް ވިދާޅުވީ، ސެންޓްރަލް އިންޓެލިޖެންސް އެޖެންސީއެއް ރާއްޖޭގައި އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރަންތޯ ނޫސްވެރިޔަ ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

"ގަބޫލުކުރަން ރާއްޖޭ އިންޓެލިޖެންސްގެ ތެރޭގައި އިސްލާހު ކުރަންޖެހޭ ބައެއް ކަންކަން ހުރި ކަން. ދެން ރިޕޯޓު ނިމިގެންދާއިރު އެކަމަށް އިޝާރާތް ކުރާނެ ކަމަށް މި ބަލަނީ. އެގޮތަށް ކޮމިޓީން ސީދާ ކުރާނެއޭ އަޅުގަނޑަށް މިވަގުތު ދަންނަވަން ނުކުރޭނެ. އެކަމަމަކު ކޮމިޓީން ނިންމާނީ. ރާއްޖޭގެ އިންޓެލިޖެންސް އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ބެލެވޭ،" އަސްލަމް ވިދާޅުވި އެވެ.

އެ ހަމަލާ ހިނގުމުގެ ކުރިންވެސް އިންޓެލިޖެންސް ނިޒާމާ ގުޅޭ ގޮތުން 241 ކޮމިޓީގައި މަޝްވަރާ ކުރި ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ސީދާ ނިންމުމެއް ނިންމާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިންކުއަރީގެ ސްކޯޕް ފަސް ކަމެއް، މައްސަލަ ނިންމުން އަންނަ މަހު!

241 ކޮމީޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ޕާލިމަންޓްރީ އިންކުަރީ ނިންމުން ތާވަލްކޮށްފައި ވަނީ އަންނަ މަހަށް -- ފޮޓޯ މަޖިލިސް

ކޮމިޓީން މިހާރު ވަނީ އިންކުއަރީގައި ބަލާނެ މުހިންމު ކަންކަމާއި އެ އިންކުއަރީ ކުރިއަށް ގެންދާނެ ގޮތް ރާވާފަ އެވެ. ޖުމްލަ ފަސް ކަމެއް ބެލުމަށް ގުޅުން ހުރި ހުރިހާ އެންމެނާ ކޮމިޓީން ބައްދަލުކޮށް ސުވާލުކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ހާއްސަކޮށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޯށްދިނުމަށް ގާނޫނުން މަތިކޮށްފައިވާ ފަރާތްތަކާ ކޮމިޓީން ސުވާލު ކުރާނެ. ސުވާލު ކުރަން ފަށާނީ، ދިރާސާ ކުރަން ޖެހޭ ލިޔުންތައް ދިރާސާ ކުރުމަށްފަހު. ކޮމިޓީން މި ބަލަނީ، އިރާދަ ކުރެއްވިއްޔާ ޖޫން މަހުގެ ނިޔަލަށް އިންކުއަރީގެ މަސައްކަތްކޮށް ނިންމުމަށް،" އަސްލަމް ވިދާލުވި އެވެ.

އިންކުއަރީގެ ސްކޯޕް:

  1. ހަމަލާ ދިނުމުގެ ކުރިން، ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ހިދުމަތްތަކާއި ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިފައިވޭތޯ ދެނަގަތުން.

  2. ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަކީ ކޮބާތޯ ދެނެގަތުން
  3. ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލު ކުރަމުންދިޔަ ގޮތް ދެނަގަތުން.
  4. ފައިނޭންސް އިންޓެލިޖެންސް މައުލުމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލުކުރާ ގޮތް ދެނަގަތުން
  5. ގާނޫނީ އޮނިޑަނޑާ އެއްގޮތަށް އަމަލު ކުރަމުންދާ މިންވަރު ދެނަގަތުން.

އަސްލަމް ވިދާޅުވީ، އެ މައްސަލައިގައި ތަހުގީގީ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތް ގާތުން ބަލާނެ ކަމަށާއި ކޮމިޓީގެ މަސައްކަތަކީ އެކަމުގައި ތަހުގީގު ހިންގުން ނޫން ކަމަށެވެ. ކޮމިޓީން ކުރާނެ ކަމަކީ، އެހަމަލާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިޓީން މި ހިންގާ އިންކުއަރީއަކީ، މި މައްސަލަ ތަހުގީގު ކުރުމެއް ނޫން. މި ހަމަލާ ތަހުގީގު ކުރާނީ ފުލުހުން. އަޅުގަނޑުމެން މި ހިންގަނީ މި ހަމަލާމަށް މެދުވެރިވުމަށް ދިމާވި ސަބަބުތައް ދެނެގަންނަ އިންކުއަރީއެއް،" އަސްލަމް ވިދާޅުވި އެވެ.

ޕާލިމަންޓް އިންކުރައީ ހިންގާ ކޮމިޓީގައި އަސްލަމް ޗެއާ ކުރައްވަނީ: އޭނާ ވިދާޅުވީ، ވަކި ފަރާތަަކށް ނުޖެހި، ފުރިހަމަ ރިޕޯޓެއް ނެރޭނެ ކަމަށް

ކޮމިޓީގެ މަސައްކަތް ކުރަނީ ކޮމިޓީން ގާނޫނުއަސީސީ އާއި ގާނޫނުތަކުން ލިބިދޭ ބާރުގެ ދަށުން ފުރިހަމަ ދިރާސާއާއް ހެދުމަށް ކަމަށެވެ. އަދި ރިޕޯޓު އެކުލަވާލުމުގައި އެއްވެސް ފަރާތަކަށް ނުޖެހޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"އަޅުގަނޑު ޔަގީންކަން ދެނީ، އިރާދަކުރެއްވިއްޔާ މިއީ ވަކި އަތަކަށް ނުޖެހި، ފުރިހަމައަށް ކުރެވޭ ދިރާސާއެއްގެ އަލީގައި ނެރެވޭ ރިޕޯޓެއްކަން ކަށަވަރުކުރަން ހުރިހާ ކަމެއް ކުރާނަން. ވަކި މީހަކަށް، ވަކި ފަރުދަަކަށް، ވަކި މުއައްސަސާކަށް ބެލުމެއް ނެތި، ލިބޭ މައުލޫމާތުގެ އަލީގައި ނިންމޭ ރިޕޯޓަކަށް ހެދާނަން،" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް އިންކުއަރީއަށް ބޭރުގެ އެހީ ހޯދާނެ ކަމަށާއި މިހާރުވެސް ނުރަސްމީކޮށް ބޭރުގެ އެހީ ހޯދުމަށް މަޝްވަރާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ ހަމަލާއާ ގުޅިގެން ޕާލިމަންޓްރީ އިންކުރައީއެއް ހަދަމުން އަންނައިރު، އެކަމާ ގުޅިގެން ސަރުކާރުންވެސް ވަނީ ކޮމިޓީއެއް ނަގައި، އިންޓެލިޖެންސްގެ އޮޑިޓެއް ހެދުމުގެ މަސައްކަތް ފަށާފަ އެވެ.