24 May 2021, 16:40
މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މ. ސަނީކޯސްޓް، ޝަމާއު ޝަރީފަށް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ދީފިއެވެ.
ސިޓީ ކައުންސިލުގެ މި ނިމުނު ދައުރުގައި ޑެޕިއުޓީ މިނިސްޓަރުކަން، އަދި އޭގެ ކުރީ ދައުރުގައި ކައުންސިލަރުކަންވެސް ކުރެއްވި ޝަމާއު ނިސްބަތްވެވަޑައިގަންނަވަނީ އެމްޑީޕީއަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނި ގޮތުގައި ޝަމާއުއަށް ޑެޕިއުޓީ މިނިސްޓަރުކަން ދިނީ މިއަދުއެވެ.
ޝަމާއު ޝަރީފް ޗަނީ ސްރީލަންކާގެ އެމެރިކަން ކޮލެޖު އޮފް ހަޔަރ އެޑިއުކޭޝަނުން ސައިކޮލޮޖީ ދާއިރާއިން ޑިޕްލޮމާއަކާއި، އަދި ސްރީލަންކާގެ އެމެރިކަން ނެޝަނަލް ކޮލެކުން ކައުންސިލިން ސައިކޮލޮޖީ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ހާސިލުކުރައްވާފައެވެ.
މިހާރު ހެލްތު މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބަވަނީ ޝަމާއުގެ އިތުރުން އަބޫބަކުރު އަބްދުލްކަރީމް، އަބްދުއްޝުކޫރު އަބްދުލްހަކީމް، މަރިޔަމް ޚާލިދާ އަދި ސަފިއްޔާ މުހައްމަދު ސައީދެވެ.
މީގެ އިތުރުން ސްޓޭޓު މިނިސްޓަރުންގެ ގޮތުގައިވެސް ހަތަރު ބޭފުޅަކު ތިއްބަވައެވެ. އެއީ ޑރ. ޝާހު އަބްދުﷲ މާހިރު، މުހައްމަދު ޒުހައިރު، އަހްމަދު އާދިލް އަދި އާއިޝަތު ރަޝީދެވެ.
ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މުސާރައަށް 20،500 ރުފިޔާ އަދި 15،000 ރުފިޔާގެ އެލަވަންސަކާއެކު މަހަކު ޖުމްލަ 35،500 ރުފިޔާ ލިބޭނެއެވެ.
މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމުތަކުގައި 11 ބޭފުޅުން، އަދި ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމުތަކުގައި 13 ބޭފުޅުން ތިއްބަވައެވެ.