އެމްޑީޕީ އޮފީސް ކައިރިން ސައިކަލެއްގައި ދިޔަ ފުލުހެއްގެ މޫނު މަތީ ގާބުރިއަކުން ޖަހާ ފަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އާދައިގެ ޔުނީފޯމުގައި ސައިކަލެއްގައި ދިޔަ ފުލުހެއްގެ މޫނު މަތީ ގާބުރިއަކުން ޖަހާ ފަޅާލުމާ ގުޅިގެން އޭނާ އަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް ފުލުސް މީހާއަށް ލިބުނު ޒަޚަމްތަކުގެ މާ ބޮޑު ތަފްސީލެއް ފުލުހުން އާންމެއް ނުކުރެ އެވެ. އަދި ފުލުސް މީހާ އަށް ފަރުވާ ދެމުން އަންނަނީ ކޮން ހޮސްޕިޓަލެއްގައި ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

ފުލުހުންގެ އޮފިޝަލު ވިދާޅުވީ ފުލުސްމީހާގެ ބޯ ފަޅާލީ ރޭ 11:15 ހާއިރު މުޒާހަރާ ކުރިއަށްދިޔަ ވަގުތުގައި ކަމަށެވެ.

ފަހަކަށް އައިސް ފުލުހުންނަށް ބައެއް ފަރާތްތަކުން ދަނީ ތަފާތު އިންޒާރުތައް ދެމުން ނެވެ.

އައްޑޫ ސިޓީގެ ގިނަރަށް ރަށުގެ ކޯޓުތަކާއި ބައެއް ޕޮލިސް ސްޓޭޝަންތަކުގައި އަލިފާންރޯކޮށް އަންދާލި މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން ރޭ ވަނީ މާލޭގައި މުޒާހަރާކޮށްފަ އެވެ.

ރޭ ކުރި މުޒާހަރާގައި ވެސް ބައެއް މީހުން ވަނީ ހައްޔަރު ކޮށްފަ އެވެ.