ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ 78 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓިގައި ފަރުވާ ދެމުންދިޔަ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު 2:25 ހާއިރު މަރުވެފައިވާ ކަމަށެވެ.

މިއޫ ކޮވިޑުގައި ރާއްޖެއިން މަރުވި 135 ވަނަ މީހާ އެވެ. އަދި މިއަދު މި ބަލީގައި ދުނިޔެ ދޫކުރި ހަވަނަ މީހާ އެވެ. އަދި ހިނގަމުން މިދާ މޭ މަހުގެ ތެރޭގައި މަރުވި 62 ވަނަ މީހާ އެވެ.

އިއްޔެ ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެިރންގެ ބައްދަލުވުމުގައި ހުޅުމާލޭ ހޮސްޕިޓަލުގެ ސީއީއޯ އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީ ހިންގެވުމާ ހަވާލުވެ ހުންނެވި މާރިޔާ ސައީދު ވިދާޅުވީ އެ ފެސިލިޓީއަށް ބޭނުންވާ ވަރަށް ސިއްހީ އެހީތެރިން ނެތް ކަމަށެވެ.

އަދި ސްޓާފުން ދަތިވެފައިވާތީ އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ މީހުންނަށް އިސްކަން ދީގެން ސްޓާފުން ބަހާލާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އައިސީޔޫ އެނދާއެކު ޖުމްލަ 274 އެނދު އެބަހުއްޓެވެ. އޭގެ ތެރެއިން 188 އެނދުގައި އިއްޔެ އާ ހަމައަށް މީހުން އެޑްމިޓުކޮށްފައި ތިއްބެވެ.