މާދަމާ އިން ފެށިގެން ރައްޔތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މި ބަދަލު ގެންނަން ނިންމީ ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިނާ އެއްގޮތަށް ޖަލްސާތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ.

ޒިޔާއު ވިދާޅުވީ އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ބޭނުންވާ އިންތިޒާމުތައް މަޖިލީހުން މިހާރު ހަމަޖައްސަމުން އަންނަ ކަމަށެވެ.

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރުގެމާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެންޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް މެއި 2020 ގައި އަލުން ވަނީ ތަޅުމުގައި ޖަލްސާތައް ފަށައިފަ އެވެ.

ތަޅުމުގައި ޖަލްސާތައް ފެށީ ނިއުނޯމަލްގެ ހާލަތުގަ އެވެ. އެގޮތުން މެމްބަރުން މާސްކް އަޅައި ގައިދުރުމިން ބެހެއްޓޭ ގޮތަށް ކަންކަން އިންތިޒާމު ކުރި އެވެ. އަދި މަޖިލީހަށް ވަނުމުގެ ކުރިން މެމްބަރުންގެ ހުން ބެލުން ފަދަ ކަންކަން ކުރިއަށް ގެންދިޔަ އެވެ.

ނަމަވެސް ފަހުން ވަނީ ބަހުސް ކުރިއަށްދާއިރު، ގާތުގައި އިތުރު މެމްބަރަކު އިށީނދެވަޑައިގެން ނެތް ނަމަ، މާސް ނާޅުއްވައި މެމްބަރުންނަށް ވާހަކަ ދެއްކުމުގެ ހުއްދަ ދީފަ އެވެ.

ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި އިރު، އެ ބަދަލު ގެނައުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ވަނީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފަ އެވެ.