ނޭޕިޑޯ (މެއި 24): މިޔަންމާގެ އަސްކަރިއްޔާއިން މިދިޔަ ފެބްރުއަރީ މަހު ބަޣާވާތް ކުރި ފަހުން ގޭ ބަންދުގައި ބެހެއްޓި، އެގައުމުގެ ކުރީގެ ލީޑަރު އަންގް ސަން ސޫޗީ ފުރަތަމަ ފަހަރަށް އާއްމު ތަނަކަށް ހާޒިރުކޮށްފި އެވެ.

ރޮއިޓާސްއިން ރިޕޯޓު ކުރި ގޮތުގައި މީގެ ކުރިން ކޯޓު އަޑު އެހުންތަކުގަ އާއި ވަކީލުންގެ ބައްދަލުވުންތަކުގައި ހަމައެކަނި ވީޑިއޯ މެދުވެރިކޮށް ބައިވެރިވެވަޑައިގެންނެވި ސޫޗީ މިއަދު ވަނީ 30 މިނިޓަށް ކޯޓަށް ހާޒިރުކޮށްފަ އެވެ. އަދި އޭނާ ވަކީލުންގެ ޓީމާ ވާހަކަ ދެއްކެވި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ބެލެވޭ ކަމަށް އެ ޓީމުން ބުންޏެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެކެއްގައި އަސްކަރިއްޔާއިން ވެރިކަން އަތުލި ފަހުން ސޫޗީ ހުންނެވީ ގޭބަންދުގައި ބަހައްޓާފަ އެވެ. އަދި އޭނާގެ މައްޗަށް ވަނީ ކެމްޕޭން ކުރުމުގައި ކޮވިޑް-19އާ ގުޅުން ހުރި ގަވާއިދުތަކާ ހިލާފުވުމާއި ގަވާއިދާ ހިލާފަށް އެތެރެ ކޮށްފައިވާ ވޯކީޓޯކީތަކެއް ގެންގުޅުއްވުމާއި ދައުލަތުގެ ސިއްރުތަކާ ބެހޭ ގާނޫނަކާ ހިލާފުވުމުގެ ދައުވާކޮށްފަ އެވެ.

ސޫޗީ ކޯޓަށް ހާޒިރުކޮށްފައި ވަނީ މިޔަންމާގައި ބަޣާވާތާ ދެކޮޅަށް މަދަނީ ބަސްނޭހުމުގެ ހަރަކާތްތަކާއި މުޒާހަރާތައް ބާއްވަމުން ދަނިކޮށެވެ. އަދި ބަޣާވާތާ ދެކޮޅު މީހުންނާ މެދު އަސްކަރިއްޔާއިން އަމަލު ކުރާ އަނިޔާވެރި ގޮތާ ގުޅިގެން ހަތިޔާރު އެޅި ޖަމާއަތެއްވެސް އުފައްދާފައި ވަނިކޮށެވެ.

ޕީޕަލްސް ޑިފެންސް ފޯސް (ޕީޑީއެފް)ގެ ނަން ދީފައިވާ އެ ޖަމާއަތުގައި ގިނައިން ހިމެނެނީ އަމިއްލައަށް ތައްޔާރުކޮށްފައިވާ ހަތިޔާރު ގެންގުޅޭ އާއްމު ރައްޔިތުންނެވެ. އަދި އެ ގުރޫޕުން ވަނީ ސަލާމަތީ ފައުޖުތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 24 މީހަކު މަރާފައިވާ ކަމަށް ބުނެފަ އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތް ކުރީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި އާއްމު އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ.

އެ އިންތިހާބުގައި އެގައުމުގެ ޕާލިމެންޓުގެ 476 ގޮނޑިއަށް މެމްބަރުން ހޮވި އިރު އޭގެ ތެރެއިން 396 ގޮނޑި ކާމިޔާބު ކުރީ ސޫޗީގެ ޕާޓީންނެވެ. އަދި އަސްކަރިއްޔާއިން ތާއިދު ކުރާ ޕާޓީއަށް ލިބުނީ އެންމެ 33 ގޮނޑި އެވެ.

އެ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް އަސްކަރިއްޔާއިން ތުހުމަތު ކުރި ނަމަވެސް މިނިވަން ބައިނަލްއަގުވާމީ އޮބްޒާވަރުން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ބަޣާވާތަށް ފަހު އެގައުމުގައި އެއް އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އާ އިންތިހާބެއް ބާއްވާނެ ކަމަށް ބުނެފަ އެވެ. އަދި އެ އިންތިހާބު ކާމިޔާބު ކުރާ ބަޔަކާ ވެރިކަން ހަވާލު ކުރާނެ ކަމަށް ބުނެފަ އެވެ.