ވޮޝިންޓަން (މޭ 23) : ފަލަސްތިނުގެ ބިމަށް އިސްރާއީލު ވެރިވެގަނެގެން އުޅޭ މައްސަލަ، ފަސްއަޅައި ފޮރުވުމަށް އިސްރާއީލުގެ ވެރިން ކުރާ މަސައްކަތާ ދެކޮޅަށް ހައްގު ބަސްބުނާނެ ކަމަށް އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގި ލާއިންސާނީ އުދުވާނާ ދެކޮޅަށް ޓްވީޓް ކުރުމުން ވަޒީފާ ގެއްލުނު އެމެރިކާގެ ޔަހޫދީ ނޫސްވެރިޔާ އެމިލީ ވައިލްޑާ ބުނެފި އެވެ.

އެމެރިކާގެ ނޫސްއެޖެންސީއެއް ކަމަށްވާ އެސޯސިއޭޓެޑް ޕްރެސްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދިޔަ އެމިލީ ވައިލްޑާ ވަޒީފާ އިން ވަކިކުރީ އިސްރާއީލުން ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައި ހިންގަމުން ގެންދިޔަ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން އިސްރާއީލު ކުށްވެރިކޮށް ޓުވީޓްތަކެއް ކުރުމުންނެވެ.

އެމިލީ ބުނި ގޮތުގައި އޭނާއަކީ ޔަހޫދީއެއް ނަމަވެސް އިސްރާއީލުން ފަލަސްތީނުގެ ބިމަށް ވެރިވެގަނެ ފަލަސްތީނުގެ ހައްގުތައް ނިގުޅައިގަތުމަށް ގިނަ ޖަރީމާތަކެއް އިސްރާއީލު ހިންގަމުން ގެންދާތީ އެންމެ ކުޑައިރުން ފެށިގެން ވެސް ފަލަސްތީނަށް ހަމްދަރުދީވެ އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން އިސްރާއީލުގެ ވެރިންދެކެ ރުޅިއަންނަ މީހެކެވެ.

ފަލަސްތީނުގެ ބިންތައް ހިފައި ހައްގުތައް ނިގުޅައިގަނެ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަނީ އަނިޔާވެރި އަމަލުތަކެއް ކަން އަމިއްލައަށް ދެނެގަންނަން އެނގޭތީ ޔުނިވާސިޓީގައި ތައުލީމު ހާސިލުކުރަން އުޅުނު ޒުވާން ދުވަސްވަރުން ފެށިގެން މިހާތަނަށް ވެސް ދިޔައީ ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރަމުން ކަމަށާއި އަދި ވެސް އެކަންކުރާނެ ކަމަށް އެމިލީ ބުނެފައިވެ އެވެ.

ވޮޝިންޓަން ޕޯސްޓަށް ދިން އިންޓަވިއުއެއްގައި އެމިލީ ބުނީ ވަޒީފާއިން ވަކިކުރުމުން ދެރަވި ކަމަށާއި ނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ބަސް ނުބުނެ ހުރުމަކީ އޭނާގެ ޒަމީރު ތަންދޭކަމެއްނޫނެވެ.

އެމެރިކާގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ޔަހޫދީންގެ ޒަޔަނިސްޓް ފިކުރުގެ ލޮބީ ގްރޫޕްތަކުގެ ނުފޫޒު ވަރަށް ބޮޑަށް ހިނގާ އެމެރިކާގެ ނޫސްއެޖެންސީއެއް ކަމަށްވާ "އެސޯސޮއޭޓެޑް ޕްރެސް"ގައި އެމިލީ އަދާކުރަމުން ގެންދިޔަ ވަޒީފާ އިން އޭނާ ވަކިކުރީ އެ ކުންފުނީގެ ސޯޝަލް މީޑިއާގެ ސިޔާސަތާ އޭނާ ޚިލާފުވުމުން ކަން އެކުންފުނިން ހާމަކޮށްފައިވެ އެވެ. ނަމަވެސް އެކުންފުނިން އެމިލީއާ ދެކޮޅަށް ހިންގި މިއަމަލަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ކަނޑައެޅިގެން ފުށުއަރާކަމެއްކަން އެމިލީ އާއި އޭނާއަށް ތާއީދުކޮށް ހަމްދަރުދީ ފާޅުކުރި ފަރާތްތަކުން ވަނީ ފާހަގަ ކޮށްްފަ އެވެ.

އެމިލީ ކޮށްފައިވާ ޓްވީޓްތަކުގައި ފަލަސްތީނު ރައްޔިތުން އެމީހުންގެ މިނިވަންކަމަށް ކުރާ މަސައްކަތްތަކަށާއި ހައްގުތަކަށް ވަކާލާތުކުރާ ކުރުމަށް ތާއީދުކުރުމުގެ އިތުރުން އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އަމަލުތައް ކުށްވެރިކޮށް ވާހަކަދައްކާފައިވާ ކަމަށް އެސޯސިއޭޓެޑް ޕްރެސް އިންވަނީ ބުނެފަ އެވެ. މީގެ އިތުރުން އިސްރާއީލުން ގުދްސުގެ ފަލަސްތީނުގެ އަވަށެއްކަމަށްވާ ޝައިޚް ޖައްރާޙް އަވަށުގެ ރައްޔިތުންގެ އެތައް ބަޔަކު އެމީހުންގެ އަމިއްލަ ގެދޮރުން ނެރެލުމަށް އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިންނާއި އިސްރާއީލުގެ ސަރުކާރާ އަދި އިސްރާއީލުގެ ޖުޑިޝަރީ ގުޅިގެން ހިންގާ އަމަލުތައް ވެސް އެމިލީ ކުށްވެރިކޮށްފައިވެ އެވެ.

މީގެ އިތުރުން އެސޯސިއޭޓެޑް ޕްރެސް އިން އިސްރާއީލުގެ މިފަދަ އަމަލުތައް ކަވަރުކުރާ ގޮތާ މެެދު ވެސް ހިންހަމަ ނުޖެހިގެން (އިސްރާއީލު ކޮޅަށް ބުރަވެފައި އޮވެ ޚަބަރު ފަތުރާތީ) އެމިލީ ވަނީ އެސޯސިއޭޓެޑް ޕްރެސްގެ އެޑިޓޯރިއަލް ޕޮލިސީ އަށް ވެސްމިއީ ވެސް އެމިލީ ވަޒީފާ އިން ވަކިކުރަން ޖެހުނު ސަބަބެއްކަމަށް އެސޯސިއޭޓެޑް ޕްރެސްގެ ތަރުޖަމާނަކު ބުނެފައިވެ އެވެ.

އެމިލީ ފާހަގަކުރި ގޮތުގައި އެސޯސިއޭޓެޑް ޕްރެސް އާއި އެނޫން ވެސް ޚަބަރުފަތުރާ ހުޅަނގުގެ ގިނަ ވަސީލަތްތަކުން ގެންދަނީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ޖަރީމާތައް މާ އާދައިގެ ކަމަކަށް ހަދަމުންނެވެ. އަދި ފަލަސްތީނު ރައްޔިތުން އެމީހުންގެ މިނިވަންކަމަށް ޓަކައި ހިންގާ އަމަލުތައް މާބޮޑު އަދި މާނުރައްކާތެރި ކަމަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން އިސްރާއީލުން ޣައްޒާ 15 އަހަރުވަންދެން ހިސާރުކޮށްފައި އޮތް އިރު ވެސް ޣައްޒާގެ ޚަބަރުތައް ގެނަސްދޭއިރު ހިސާރުގެ ވާހަކަ ގެނައުމަށް ހުޅަނގުގެ މީޑިއާތަކުން ފަސްޖެހޭކަން އެމިލީ ވަނީ ފާހަގަކޮށްފަ އެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގި 11 ދުވަހުގެ އުދުވާނުގެ ބޮޑު ބައި އަމާޒުކޮށްފައި ވަނީ ފަލަސްތީނުގެ އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތައް ފަދަ ތަންތަނަށާއި މީޑިއާގެ އޮފިސްތައް ފަދަ މަދަނީ ތަންތަން ކަމަށްވާއިރު މިއީ އިސްރާއީލުން ފާޅުކަން ބޮޑު ގޮތެއްގައި ހިންގާ ހަނގުރާމައިގެ ޖަރީމާކަމަށްވާތީ އެސޯސިއޭޓެޑް ޕްރެސްއާއި ސީއެންއެން އާއި ބީބީސީ ފަދަ ހުޅަނގުގެ މީޑިއާ ތަކުން އިސްރާއީލުގެ އެ ޖަރީމާތަކުގެ ކަވަރޭޖް ގެނަސްދީފައިވަނީ އަލްޖަޒީރާ ފަދަ ތަންތަނާ އަޅާބަލާއިރު ވަރަށް ކުޑަކޮށެވެ.

ނަމަވެސް އިސްރާއީލުން އެހިންގި ޖަރީމާތަކަކީ އީރާން ނޫނީ ޗައިނާ ފަދަ އެމެރިކާ ހުޅަނގުގެ ނުރުހޭ ގައުމެއްނަމަ އެކަމުގެ ކަވަރޭޖް ގެނައުމުގައި ހުޅަނގުގެ މިދެންނެވި މީޑިއާތައް ވަރަށް ފޯރިހުންނާނެކަން ބައެއް މުހައްލިލުން ވަނީ ފާހަގަކޮށްފަ އެވެ.