ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ގޮތާއި ރާއްޖޭގައި ބާރުތައް ބަދަލުކުރި ގޮތާ ބެހޭ ގޮތުން ބަލައި ދިރާސާ ކުރުމަށް ކޮމަން ވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީއެމްއޭޖީ)ގެ ވަފުދެއް ވަރަށް އަވަހަށް ރާއްޖެ ފޮނުވަން އެ ގްރޫޕުން އިއްޔެ ނިންމައިފި އެވެ.

ސީއެމްއޭޖީގެ ކުއްލި ބައްދަލުވުމެއް ޓެލެކޮންފަރެންސް މެދުވެރިކޮށް، އިއްޔެ ވަނީ ބާއްވާފައި ކަމަށް އެގްރޫޕުން ބުންޏެވެ. އެގްރޫޕުން މައުލޫމާތު ދިން ގޮތުގައި އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އެވެ.

އަދި އެކޮންފަރެންސްގައި ޓްރިޑާޑް އެންޑް ޓޮބޭގޯގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް އެންޑް ކޮމިއުނިކޭޝަން ސުރްޖުރާޓަން ރޮބަޗަންއާއި އޮސްޓްރޭލިއާގެ މިނިސްޓަރު ފޯ ފޮރިން އެފެއާޒް ކެވިން ރުޑްއާއި ބަނގުލަދޭޝްގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް ދީޕޫ މޯނީއާއި ކެނެޑާގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް ޖޯން ބެއަޑާއި ޖެމެއިކާގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަދި ސެނެޓާ އާނޯލްޑް ޖޭ ނިކޮލްސަންއާއި ސިއެރަލިއޯންގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް ޖޯސެފް ބީ ޑައުޑާ ބައިވެރިވެވަޑައިތެވެ.

ސީއެމްއޭޖީގެ މިނިސްޓަރުންގެ ވަފުދެއް ވަރަށް އަވަހަށް ރާއްޖެ އަންނަ ގޮތަށް ޓެލެކޮންފަރެންސްގައި ނިންމާފައި ވިޔަސް އެގްރޫޕުން ގަބޫލުކުރަނީ ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން ހަމަޖައްސާނީ ރާއްޖޭން އަމިއްލައަށް ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރާނީ ހަމަނުޖެހުމެއް ނެތް މާހައުލެއްގައި ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ވާހަކަތައް ދައްކައިގެން ކަމަށް ވެސް އެބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.

ކޮމަންވެލްތުގެ ސިޔާސީ ފަންޑަމެންޓަލް ހަމަތަކަށް މެމްބަރު ގައުމުތަކުން އަމަލުކުރުމުގެ މުހިއްމުކަން އިއްޔެގެ ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ކޮމަންވެލްތުގެ "ލެޓިމާ ހައުސް ޕްރިންސިޕަލްގައިވާ ފަދައިން ބާރުތައް ވަކިވެފައި އޮތުމާއި ގާނޫނު އަސާސީއަކާ އެއްގޮތަށް ހިންގާ ޑިމޮކްރަސީގެ އުސޫލާއި ގާނޫނުގެ ވެރިކަމާއި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމުގެ މުހިއްމުކަން ވެސް އެބައްދަލުވުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ކޮމަން ވެލްތުގެ ގައުމުތަކަށް ކުރިމަތިވާ ނާޒުކު ދަނޑިވަޅުތަކުގައި މައްސަލަތައް ހައްލުކުރުމުގައި ކޮމަންވެލްތުން ބައިވެރިވުމަށް 2011 ވަނަ އަހަރު ޕާތުގައި ބޭއްވި ބައްދަލުވުމުގައި އެޖަމާއަތަށް މެންޑޭޓް ދީފައިވާކަން ވެސް އިއްޔެގެ ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ސީއެމްއޭޖީން ބުނީ އިއްޔެގެ ޓެލެކޮންފަރެންސްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިމަހުގެ ހަތްވަނަ ދުވަހު އިސްތިއުފާ ދެއްވި ހާދިސާ ފެށުނީއްސުރެ ނިޔަލަށް ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ނަސީރު ކިޔައިދެއްވި ކަމަށާއި ކުރީގެ ރައީސް ނަޝީދު ވެސް މައުލޫމާތު ދެއްވި ކަމަށެވެ.

އަދި ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް ރާއްޖެ އާއި ކޮމަން ވެލްތުގެ ވަފުދުން ލަފާއަރުވާފައި ވާނެ ކަމާއި އެވަފުދައް ރާއްޖޭން ލިބުނު މައުލޫމާތުތައް ވެސް އިއްޔެގެ ބައްދަލުވުމަށް ހުށައެޅި ކަމަށް ވެސް ސީއެމްއޭޖީން ބުންޏެވެ.

ކޮމަންވެލްތުން ރާއްޖެ އަށް ވަފުދެއް ފޮނުވީ ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރުމާ ގުޅިގެން އުފެދުނު ސިޔާސީ ހަލަބޮލިކަން ހައްލުކުރުމަށް ސިޔާސީ ފަރާތްތަކާ އެކު މަޝްވަރާކުރުމަށެވެ. ނަމަވެސް މިމަހުގެ ހަ ވަނަ ދުވަހު އެވަފުދު ރާއްޖެއައިސްފައި ވަނިކޮށް ހަތްވަނަ ދުވަހު ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މެދުގައި ހިނގި ހަމަނުޖެހުންތަކަށް ފަހު ވެރިކަން ވަނީ ބަދަލުވެފަ އެވެ.