24 May 2021, 13:36
މި މަހުގެ 15 ވަނަ ދުވަހު ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި ހަތް މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.
އައްޑޫގައި ކުރިއަށް ގެންގޮސްފައި ވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަންގައި ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް 15 ދުވަސް ކޯޓުން ދިނެވެ. އަދި ހަތަރު މީހަކަށް ޖެހީ ހަތް ދުވަހެވެ.
ހަތަރު މީހުންގެ ބަންދުގެ މުއްދަތު އިއްޔެ ހަމަވާތީ، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވީ އޭގެ ތެރެއިން އެކަކު އިއްޔެ ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދެން ބަންދުގައި ތިބި ހަ މީހުންނަށް މިހާރު ދީފައިވާ މުއްދަތު ހަމަވުމުން، އިތުރަށް ބަންދުގައި ބައިތިއްބާނެ ކަމާމެދު ޔަގީންކަމެއް ނެތް ކަމަށެވެ.
މިނިސްޓަރު މިއަދު ވަނީ ހަރުކަށި ފިކުރުގެ މީހުން ބަންދުގައި ބޭތިއްބުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް ހުރިކަމަށް މިއަދު ވިދާޅުވެފަ އެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް މިފަހުން ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް، ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިން ނަމަވެސް، އަދިވެސް އެފަދަ ފަރާތްތައް ރީހެބިލިޓޭޓް ކުރެވެންދެން ދައުލަތުގެ ބެލުމުގެ ދަށުގައި ބޭތިއްބޭނެ ގޮތެއް ގާނޫނަކުން ނުދައްކާ ކަމަށެވެ.
މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން، މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ސިފައިން އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.