19:00


ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ ތަކެތި ބަރުކޮށްގެން ދިޔަ ބޯޓަކަށް އިޒްރޭލުގެ ސިފައިން ހަމަލާދިން މައްސަލަ އެގައުމުން ތަހުގީގުކުރުމަށްފަހު ނެރޭ ރިޕޯޓުގައި، އިޒްރޭލުގެ އަސްކަރިއްޔާއިން އެ ހަމަލާ ދީފައިވަނީ އެކަށީގެންވާ އިންޓެލިޖެންސް މައުލޫމާތު ނުހޯދާ ކަމަށް ބުނެ، އެ އޮޕަރޭޝަނުގެ ކަންތައް ރޭވި ފަރާތްތަކަށް ފާޑުކިޔައިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.


އެހެން އެހެންނަމަވެސް ނުވަ މީހުން މަރުވެގެން ދިޔަ އެ ހަމަލާތަކުގެ ޒިންމާ އިޒްރޭލުގެ އަސްކަރިއްޔާ ނަގަން ޖެހޭކަން އެ ރިޕޯޓުގައި ބަޔާންކޮށްފައިނުވާ ކަމަށާއި އަދި އެމީހުން ކުށްވެރިކޮށްފައިނުވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ. މައުލޫމާތުލިބޭ ގޮތުގައި، މިހާރު އެހީގެ ތަކެތި ހިފައިގެން ގާޒާއަށް މިސްރާބު ޖަހާފައިވާ ލީބިޔާގެ އެހީގެ ބޯޓަށް ވެސް އިޒްރޭލުން ހުރަސް އަޅާނެ ކަމަށް އެގައުމުން ވަނީ ބުނެފަ އެވެ.


ލީބިޔާގެ ރައީސް މުއައްމަރުލް ގައްޒާފީގެ ފައުންޑޭޝަންގެ މި ބޯޓުގައި ބައިވެރިވުމަށް އޭނާގެ ފިރިހެން ދަރިކަލުން މަސައްކަތްކުރަމުންދާ ކަމަށާއި ނަމަވެސް އެކަމަށް ލީބިޔާގެ ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.