24 May 2021, 11:33
މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް ހުޅުވާލި ފުރުސަތުގައި ލޯނު ލިބުނު ދަރިވަރުން އިއުލާނުކޮށް، ޝަކުވާ އަށް ހުޅުވާލައިފި އެވެ.
މަތީ ތައުލީމާއި ތަމްރީނުގެ ލޯނު ސުކީމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ.
ލޯނުގެ 770 ފުރުސަތު ހުޅުވާލި އިރު، 1،176 ދަރިވަރުން ވަނީ ލޯނަށް ކުރިމަތިލައިފަ އެވެ.
މިއަދު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ 417 ދަރިވަރަކަށް ލޯނު ދޭން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ލޯނަށް ހުޅުވާލި ފުރުސަތުގެ ތެރެއިން، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހާއްސަ ކުރި ފުރުސަތުތަކުގައި، އެމްބީބީއެސް ކިޔަވާ ދަރިވަރުންނާއި ޕައިލޮޓް ކަން ކިޔަވާ ދަރިވަރުންގެ ތެރެއިން ލޯނަށް ކުރިމަތިލި ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިހާރު އެމްބީބީއެސް ކިޔަވާ 65 ދަރިވަރުންނަށް އަދި ޕައިލޮޓް ކަން ކިޔަވާ 16 ދަރިވަރަކަށް މިއަހަރު ވަނީ ލޯނު ދޭން ނިންމައިފަ އެވެ.
މީގެ އިތުރުން މި އަހަރު އަލަށް ހުޅުވާލި ފުރުސަތުުތަކުގައި ޕައިލޮޓްކަން ކިޔަވާ ދަރިވަރުންނާއި އެމްބީބީއެސް ކިޔަވާ ދަރިވަރުން ނޫންް ދާއިރާތަކުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ފުރުސަތު ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ ލޯނު ސްކީމަށް ހުޅުވާލި އިރު ފުރަތަމަ ޑިގްރީ ސްކީމުގައި ކިޔަވާ ކުދިންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް ލޯނުގެ ދަށުން ފައިސާ ދޫކުރަން ނިންމައި، އަލަށް ކިޔަވަން ފަށާ ކުދިންނަށް 45 ޖާގަ އަދި މިހާރު ކިޔަވާ ދަރިވަރުންގެ ތެރެއިން ލޯނަށް އެދެން ބޭނުން ދަރިވަރުންނަށް 105 ޖާގަ ހަމަޖެއްސި އެވެ.
މިނިސްޓަރު ވިދާޅުވީ ފުރަތަމަ ޑިގްރީ އަށް ކިޔަވާ ދަރިވަރުންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް ކަނޑައެޅި ފުރުސަތުތަކުގެ ތެރެއިން އަލަށް ފަށާ ދަރިވަރުންގެ ތެރެއިން ލޯނަށް ކުރިމަތިލީ 12 ކުދިން ކަމަށާއި މިހާރު ކިޔަވާ ކުދިންނަށް ހާއްސަ ކުރި ޖާގަތަކަށް ކުރިމަތިލީ 15 ދަރިވަރުން ކަމަށެވެ.
ލޯނު ސްކީމުގައި ބައެއް ދާއިރާތަކުން ކުރިމަތިލީ އަދަދު ދަށް ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން އެކައުންޓިން، އިންޖިނިއަރިން އަދި ސޯޝަލް ސައިންސްގެ ދާއިރާތަކުން ގިނަ ޖާގަތަކެއް ހާއްސަ ކުރި ނަމަވެސް ތަރުހީބު ކުޑަ ކަމަށް ވިދާޅުވި އެވެ. އެންމެ ގިނަ ދަރިވަރުން ކުރިމަތިލާފައިވަނީ އެމްބީބީއެސް، ޕައިލޮޓް އަދި ޕީއެޗްޑީ ކޯސްތަކަށެވެ.
އެކައުންޓިން ދާއިރާ އިން މިހާރު ކިޔަވާ ދަރިވަރުންނަށް 30 ސްލޮޓު އަދި އަލަށް ފަށާ ދަރިވަރުންނަށް 20 ސްލޮޓު ހަމަޖެއްސި އިރު އަލަށް ފަށާ ސްލޮޓުތަކަށް ކުރިމަތިލީ 10 ދަރިވަރުންނެވެ. އަދި މިހާރު ކިޔަވާ ކުދިންނަށް ހާއްސަ ކުރި ފުރުސަތަށް ކުރިމަތިލީ ތިން ކުދިންނެވެ.
"އޮން ގޮއިން ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް މިފަހަރު ވާނީ ފުރުސަތު ދީފައި،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަހަރު ލޯނު ލިބޭ ދަރިވަރުންގެ ތެރެއިން އަލަށް ކިޔަވަން ފަށާ ކުދިންނަށް ކިޔެވުން ފެށުމަށް 18 މަސް ދޭނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެެވެ.
މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަދު އާންމު ކުރީ ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓު ކަމަށާއި އެ ލިސްޓަށް އެއްވެސް ޝަކުވާ އެއް ވާނަމަ ޝަކުވާ ހުށަހެޅުމަށް ހަތް ދުވަސް ދޭނެ ކަމަށެވެ. އަދި ޝަކުވާތައް ބެލުމަށް ފަހު ޖޫން 10 ވަނަ ދުވަހު ފައިނަލް ލިސްޓު އާންމު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ލޯނު ލިބޭ ދަރިވަރުންގެވަގުތީ ލިސްޓުހަޔާ އެޑިއުކޭޝަން މިނިސްޓްރީގެވެބްސައިޓުގައިވަނީ އާންމުކޮށްފަ އެވެ.
މަތީ ތައުލީމާއި ތަމްރީނަށް ލޯނު ދޫކުރުމަށް މިއަހަރުގެ ބަޖެޓުގައި 137 މިލިއަން ރުފިޔާ ވަނީ ބަޖެޓު ކޮށްފަ އެވެ.