24 May 2021, 10:39
ދިއްލީ (މެއި 24): އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ތިން ލައްކައަށް އަރައިފި އެވެ.
އިންޑިއާއަކީ ދުނިޔެއިން ކޮވިޑްގެ ކޭސްތައް ދެވަނައަށް އެންމެ ގިނަ އަދި މަރުތައް ތިން ވަނައަށް އެންމެ ގިނަ ގައުމެވެ. އެގޮތުން އެގައުމުން މިހާތަނަށް 26,752,447 މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 303,751 މީހަކު މަރުވެފައިވެ އެވެ.
އިންޑިއާގެ އިތުރުން ކޮވިޑްގެ މަރުތައް ތިން ލައްކައަށް އަރާފައި ވަނީ އެމެރިކާ އާއި ބްރެޒިލްގަ އެވެ. އެއީ އެމެރިކާއިން ހަ ލައްކަ އަދި ބްރެޒިލް އިން ހަތަރު ލައްކަ އެވެ.
އިންޑިއާގައި ކޮވިޑްގެ ދެވަނަ ރާޅެއް ފެތުރި، ފާއިތުވި މަސްތަކުގައި އެގައުމުގައި ބަލީގެ ކޭސްތައް ވަނީ ރެކޯޑު މިންވަރުތަކަށް އަރާފަ އެވެ. އަދި ބައްޔާ ގުޅުން ހުރި މަރުތައް ދެ ލައްކައިން ތިން ލައްކައަށް އަރަން ނެގީ މަހަކަށްވުރެ މަދު ދުވަސްކޮޅެކެވެ.
އިންޑިއާގެ ކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އެގައުމުން ބަލި ޖެހޭ މިންވަރާއި މަރުވާ މީހުންގެ އަދަދު ރަސްމީ ރެކޯޑުތަކުގައި އޮތް މިންވަރަށް ވުރެ އިތުރުވާނެ އެވެ. އެގޮތުން ބަލި ޖެހުނު ނަމަވެސް ޑޮކްޓަރަށް ނުދެއްކޭ މީހުންނާއި ފަރުވާ ހޯދުމުގެ ކުރިން މަރުވާ މީހުން ގިނަ ކަމަށް މާހިރުން ވިދާޅުވެ އެވެ. އަދި މަރުވި މީހުންގެ އަދަދު ލަފާ ކުރުމަށް ހަދާފައިވާ ބައެއް މޮޑެލްތަކުން ދައްކާ ގޮތުގައި އެގައުމުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު އެއް މިލިއަނަށް އަރާނެ އެވެ.
މީގެ އިތުރުން އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ކޮވިޑްގެ މަރުތައް ގިނަވުމުން މޯޗަރީތަކާއި ކްރެމަޓޯރިއަމްތައް ފުރި، ކިޔޫ ލައިންތައް ވަނީ ދިގުވެފަ އެވެ. އަދި ބައެއް ކްރެމަޓޯރިއަމްތަކަށް ވަނީ މަރުވެފައިވާ މީހުންގެ ހަށިތައް އަންދަން އިތުރު ޖާގަތައް ހެދުމަށް ޕާކުތައް ފަދަ ތަންތަން ބޭނުން ކުރަން ޖެހިފަ އެވެ.