24 May 2021, 09:28
ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަންވެސް ދެފަހަރެއްގެ މަތިން ކުރައްވާފައިވާ މ. އަވީލާ، އިސްމާއިލް ފަތުހީގެ ހަނދާނުގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ.
ކޮވިޑް19ގައި އިސްމާއީލް ފަތުހީ އަވަހާރަވީ އިއްޔެ އެވެ. އިސްމާއިލް ފަތުހީ އަވަހާރަވި އިރު އުމުރުފުޅަކީ 80 އަހަރެވެ. އެމަނިކުފާނު ވަނީ 46 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި، ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވަނީ އިސްމާއީލް ފަތުހީގެ އާއިލާއަށް، އީވާގެ އަމިއްލަ ނަމުގައްޔާއި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި ތައުޒިޔާ ފޮނުއްވައިފަ އެވެ.
ރާއްޖޭގެ އެކައުންޓިން ދާއިރާގެ ބައްޕަގެ ލަގަބު އަރުވާފައިވާ އިސްމާއިލް ފަތުހީ އަށް 2019 ވަނަ އަހަރު ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލައިފްޓައިމް އެޗީވްމެންޓް އެވޯޑުވެސް އަރުވައިފަ އެވެ. އޭނާ ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި 1993 އިން 2008 ޖެނުއަރީ 16 ގެ ނިޔަލަށް އޮޑިޓަރ ޖެނެރަލްކަން ކުރައްވާފައެވެ. އަދި ރާއްޖޭގެ އެކައުންޓިން ދާއިރާ ކުރިއަރުވައި ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެެއް ކުރެއްވި ބޭފުޅެކެވެ.
އިސްމާއިލް ފަތުހީގެ ބައެއް ހިދުމަތްތަކުގެ ތެރޭގައި ދައުލަތުގެ ފައިސާ ބެލެހެއްޓުމުގެ ނިޒާމު ޒަމާނީ ގޮތަށް އެކުލަވާލުމާއި ރާއްޖޭގައި ބުކްކީޕިންގް ދިވެހި ބަހުން ކިޔަވައިދެއްވަން ފެއްޓެވުމުގެ އިތުރުން އަތޮޅުތަކުގައި ދައުލަތުގެ މާލީ މަސައްކަތްތައް ކުރާ ފަރާތްތައް މާލެއަށް ގެނެސް، ތަމްރީނު ދެއްވުން ހިމެނެ އެވެ.
އޭނާ ވަނީ ދިވެހި މަރުކަޒީ ބޭންކުގެ ހިންގުމުގެ ނިޒާމު ބައްޓަން ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވައިފަ އެވެ.
ރާއްޖޭގައި ހުޅުވުނު އެންމެ ފުރަތަމަ ބޭންކު، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ގޮފި ހުޅުވިއިރު، އެ ބޭންކްގައި ސަރުކާރުގެ އޮފީސްތަކުގެ އެކައުންޓްތައް ހިންގުމުގައި ހިސާބުތައް ގެންގުޅެންވީގޮތް އިންތިޒާމް ކުރެއްވުމުގެ މަސައްކަތުގައި އިސްމާއިލް ފަތުހީ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
އިސްމާއިލް ފަތުހީ އަކީ ފިނޭންސްގެ ދާއިރާގައިވެސް 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 1979 ވަނަ އަހަރުގެ ކުރިން ސަރުކާރުގެ ބަޖެޓް ތައްޔާރު ކުރައްވަމުން ގެންދެވީ އޯޑިޓް އޮފީހުންނެވެ. ލިބޭ އާމްދަނީއަށްވުރެ ޚަރަދު ބޮޑުނުވާނެ ގޮތަކަށެވެ. އެހެން ނަމަވެސް، 1979 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ފަރާތުން ބަޖެޓް ސިޔާސަތު ބަދަލުކުރައްވައި، ތަރައްގީގެ ބަޖެޓަކަށް އަމާޒު ކުރެއްވިއެވެ. އެމަނިކުފާނު ވަނީ ޑިރެކްޓާ އޮފް ފިނޭންސްގެ މަގާމުގެ އިތުރުން، މިނިސްޓާ އޮފް ސްޓޭޓް ފޯ ފިނޭންސް ކަމުގެ މަގާމުވެސް އަދާކުރެއްވި އެވެ.
ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމަށް 16 ޖެނުއަރީ 2008 ގައި އިސްމާއިލް ފަތުހީ ހަމަޖެއްސެވިއިރު، ހުންނެވީ އޮޑިޓާ ޖެނެރަލް އަދި މިނިސްޓާ އޮފް ސްޓޭޓް ކަމުގެ މަގާމުގައެވެ.
ނޭޝަނަލް ޕްލޭނިން އޭޖެންސީގެ ޑިރެކްޓަރެއްގެ ގޮތުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމުގައި ވެސް އިސްމާޢީލް ފަތުހީ މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަންވެސް ދެފަހަރެއްގެ މަތިން ކުރައްވާފައިވެއެވެ.
އިސްމާއިލް ފަތުހީއަށް 2013 ވަނަ އަހަރު ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތްވެސް ދައުލަތުން އަރުވާފައެވެ.