ކޮވިޑް ޖެހިގެން އިތުރު ދެ މީހަކު މިއަދު މަރުވެއްޖެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިއަދު މަރުވި އިތުރު ދެ މީހުންނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 77 އަހަރުގެ ފިރިހެނަކާއި 58 އަހަރުގެ ފިރިހެނެކެވެ.

މިއަދު ފުރަތަމަ މަރުވީ އައިޖީއެމްއެޗް އީއާރަށް ގެންދިޔަ 81 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާގެ ސާމްޕަލް ނަގައި ޓެސްޓު ކުރިއިރު، ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީ ހިންގުމާ ހަވާލުވެ ހުންނެވި މާރިޔާ ސައީދު ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެކަށީގެންވާ ވަރަށް ސްޓާފުން ނެތް ކަމަށާއި ނަމަވެސް ސްޓާފުން ތިބި މިންވަރުން އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ މީހުންނަށް އިސްކަން ދީގެން ސްޓާފުން ބަހާލާފައިވާ ކަމަށެވެ.