13 Feb 2012, 08:43
މިޔަމީ (ފެބްރުއަރީ 13) : ނައިޖަރުން ޙިމާޔަތް ހޯއްދަވައިގެން ހުންނެވި ލީބިޔާގެ ކުރީގެ ޒަޢީމް ކާނަލް މުޢައްމަރުލް ޤައްޒާފީގެ ދަރިކަލުން އައްސާޢިދީ އަލްގައްޒާފީ ލީބިޔާއާ ޙަވާލު ނުކުރާނެކަމަށް ނައިޖަރު ސަރުކާރުން ބުނެފިއެވެ. ނައިޖަރު ސަރުކާރުގެ މަސްއޫލުވެރިއަކު ވިދާޅުވީ އައްސާޢިދީ ލީބިޔާއާ ހަވާލުކޮށްފިނަމަ އޭނާގެ މައްޗަށް މަރުގެ ޙުކުމެއް އިއްވައި ލީބިޔާ ސަރުކާރުން އޭނާއަށް މަރުގެ އަދަބު ދޭނެކަމުގެ ބިރު އެބައޮތްކަމަށްވާތީ އެކަން ކުރެވެންނެތް ކަމަށެވެ.
ގައްޒާފީގެ ވެރިކަން ވައްޓާލިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އައްސާޢިދީވަނީ ފިއްލަވައިގެން އަވަށްޓެރި ނައިޖަރަށް ވަޑައިގެން އެޤައުމުން ޙިމާޔަތް ހޯއްދަވާފައެވެ. ނައިޖަރަކީ ގައްޒާފީގެ ވެރިކަމުގައި ލީބިޔާއިން މާލީ އަދި އިޤްތިސާދީ ބޮޑެތި އެހީތަކެއް ލިބިފައިވާ އަދި ގައްޒާފީގެ ސަރުކާރާ ބަދަހި ގުޅުންތަކެއް ބޭއްވި ޤައުމެކެވެ.
ގައްޒާފީއަށްފަހު ލިބިޔާގައި ވެރިކަންކުރާ ޤައުމީ އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލް ވަނީ ނައިޖަރުގެ ރައީސްއާ ފޯނުން ގުޅުއްވައި އައްސާޢިދީ ލީބިޔާއާ ޙަވާލުކުރުމަށް މިދިޔަ ހޮނިހިރު ދުވަހު އެދިވަޑައިގެންފަ އެވެ. ޢަބްދުލްޖަލީލް މިކަމަށް އެދިވަޑައިގަތީ ލިބިޔާ ސަރުކާރާ ދެކޮޅަށް ރައްޔިތުން އުތުރިއަރައި ސަރުކާރު ވައްޓާލުމަށް އައްސާޢިދީ ގޮވާލެއްވުމާ ގުޅިގެންނެވެ. ލީބިޔާގެ އިންތިޤާލީ މަޖިލީހުންވަނީ ނައިޖަރުގައި ހުންނަވައިގެން ލީބިޔާގައި ގަޑުބަޑު އުފެއްދުމަށް މަސައްކަތްތައް ކުރުމުގެ ފުރްސަތު އައްސާޢިދީއަށް ނުދިނުމަށް ނައިޖަރުގެ ސަރުކާރުގެ ކިބައިން އެދިފައެވެ.
ފުޓްބޯޅަ ކުޅުމަށް މަޝްހޫރު ބޭފުޅެއްކަމަށްވާ އައްސާއިދީގެ މައްޗަށްވަނީ ލިބިޔާގެ ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވިކަމުގެ އިތުރުން އޭނާގެ ބައްޕަގެ ވެރިކަމުގައި ރައްޔިތުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޢަމަލުތަކުގައި ބައިވެރިވިކަމުގެ ތުހުމަތުވެސް ކުރެވިފައެވެ. ގައްޒާފީގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ކުރި ހަނގުރާމައިގާ ގައްޒާފީގެ ދެ ފިރިހެން ދަރިން މަރުވެ އެއްބޭފުޅަކުވަނީ ހައްޔަރު ކުރެވިފައެވެ. ގައްޒާފީގެ ފިރިހެން ދެދަރިންނާއި އަނބިކަނބަލުންނާއި ދަރިކަނބަލުންނާއި އެބޭފުޅުންގެ ޢާއިލާތައް ލީބިޔާއިން ފިއްލަވައިގެން އަލްޖަޒާއިރަށް ވަޑައިގެން ސިޔާސީ ޙިމާޔަތް ވަނީ ހޯއްދަވާފައެވެ. -- އަލްޖަޒީރާ