ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި ހަ ވަނަ ދުވަހުގެރޭ މަޖީދީ މަގާއި ނީލޯފަރު ހިނގުން ގުޅޭ ސަރަހައްދުގައި ދިން ހަމަލާ އާއި ގުޅިގެން ފުރަތަމަ ހައްޔަރު ކުރި ތިން މިހުންގެ ބަންދަށް 15 ދުވަސް އިތުރު ކޮށްފި އެވެ.

އެ ހަމަލާ އާއި ގުޅިގެން ފުރަތަމަ ހައްޔަރު ކުރި ތިން މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21އ. އާއި ތަހުމީން އަހުމަދު ފޮޅޭމާ، ގއ. ކޮނޑޭ، 32އ. އަދި ހިޔާ، ވ. ތިނަދޫ، އަދުހަމް އަހުމަދު ރަޝީދެވެ.

އޭގެ ތެރެއިން އަދުހަމް ހައްޔަރު ކުރީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. ތަހުމީން އާއި މުޖާޒު ހައްޔަރު ކުރީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.

އަދުހަމް އަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށް އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލު ގޮއްވާލުމަށް ރިމޯޓަށް ފިއްތާލި ކަމަށް ބެލެވޭ މީހާ އެވެ. ތަހުމީން އަކީ އެ ސައިކަލުގެ ވެރިމީހާ އެވެ. އަދި މުޖާޒު އަކީ އަދުހަމް އާއި ގުޅުން ހުރި މީހެކެވެ.

އެ މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ އިތުރު މީހަކުވެސް ހައްޔަރު ކޮށްފަ އެވެ. ލ. ގަން ދުންފިނި އުފާ އަހުމަދު ފާތިހު ހައްޔަރު ކުރީ ބ. ދަރަވަންދޫގައި ހުއްޓަ އެވެ. އޭނާ ހައްޔަރު ކުރީ މެއި 19ވަނަ ދުވަހު އެވެ. ފާތިހުގެ ބަންދަށް 15 ދުވަސް ކޯޓުން ދިނީ މެއި 20 ވަނަ ދުވަހު އެވެ.