23 May 2021, 19:55
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ތިބޭ މީހުންގެ ހާލު ބެލުމަށް ގުޅާނެ ފޯނު ނަންބަރެއް ހާއްސަކޮށްފި އެވެ.
ކޮވިޑު 19 އަށް ފަރުވާ ހޯދާ އެންމެ ގިނަ ބަޔަކު އެޑްމިޓުކޮށްފައި ތިބޭ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ތިބޭ ބަލިމީހުންގެ ކައިރީ އާއިލާގެ މީހުންނަށް ނުތިބެވޭތީ އެކަމުގެ ކަންބޮޑުވުން އޮވެ އެވެ. އަދި ބައެއްފަހަރު އާއިލާގެ މީހުންނަށް، ބަލިމީހުންގެ ހާލު ނުބެލޭ ކަމަށް ބުނާ ޝަކުވާތައްވެސް އިވެ އެވެ.
ކޮވިޑު19 އާއި ގުޅޭ އޮޕަރޭޝަންތައް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރު މިނިސްޓަރުން ހިމެނޭ ޓާސްކްފޯހެއް އެކުލަވާލާ މަސައްކަތް ފަށާފައިވާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ތިބޭ ބަލިމީހުންގެ ހާލު ބަލަން ހާއްސަ ކުރި ނަންބަރަކީ މި މަސައްކަތުގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން ގާއިމް ކުރި ނަންބަރެކެވެ.
ބަލިމީހުންގެ ހާލު ބެލުމަށް ހާއްސަ ކުރި ނަންބަރަކީ 3022221 އެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނީ ބަލީގެ ސަބަބުން ހާލު ބޮޑުވާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ގިނަ ބަޔަކުވެސް ހިމެނެ އެވެ.
އިއްޔެ އާއި ހަމައަށް އެ ފެސިލިޓީގައި 188 މީހަކު އެޑްމިޓުކޮށްފައި ތިބި ކަމަށް އެޗްއީއޯސީ އިންް ބުންޏެވެ.