13 Feb 2012, 08:36
ކޮލަންބޯ (ފެބްރުއަރީ 13) : ސްރީލަންކާގެ އިދިކޮޅު ލީޑަރ އަދި އެޤައުމުގެ ސިފައިންގެ ލަޝްކަރުތަކުގެ ކުރީގެ ކޮމާންޑިން ޗީފް، ޖެނެރަލް ސަރަތު ފޮންސެކާ 3 އަހަރަށް ޖަލަށް ލުމަށް އެޤައުމުގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.
ހައިކޯޓުން މިގޮތަށް ޙުކުމްކުރީ ދަށުކޯޓުން ކުރި ޙުކުމެއް ފޮންސެކާ އިސްތިއުނާފް ކުރުމުންނެވެ. ފޮންސެކާއަކީ 30 މަސްދުވަހުގެ ޖަލު ޙުކުމެއް ތަންފީޒުކުރުމަށްޓަކައި މިހާރުވެސް ޖަލުގައި ހުންނެވި ބޭފުޅެކެވެ. އޭނާ 30 މަސްދުވަހަށް ޖަލަށް ލެވިފައިވަނީ ސިފައިންގެ ކޮމާންޑިން ޗީފް ނުވަތަ ސިފައިންގެ ވެރިޔާގެ މަޤާމުގައި ހުންނެވި ދުވަސްވަރު ކޮރަޕްޝަނަށް މަގުފިހަިވާފަދަ ޢަމަލުތަކެއް ހިންގެވިކަން ޝަރީޢަތަށް ސާބިތުވުމާ ގުޅިގެން ކަމަށް ކޮލަންބޯގައި އިއްޔެ ޝާއިޢުކުރެވުނު މީޑޔާ ރިޕޯޓްތައް ބުނެއެވެ.
ފޮންސެކާ ހައްޔަރުކޮށް އޭނާގެ މައްޗަށް ޙުކުމަކަށްފަހު ޙުކުމެއް އަންނަންފެށީ 2010 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ އާ ދެކޮޅަށް ވާދަކުރެއްވުމާ ގުޅިގެންނެވެ. 3 އަހަރުގެ ޖަލުގެ ޙުކުމެއް ފޮންސެކާގެ މައްޗަށް އައީ ރާޖަޕަކްސަގެ ކޮއްކޮ އަދި ސްރީލަންކާގެ ދިފާޢީ ވަޒީރުގެ އަގުވައްޓާލުމަށްޓަކައި ދޮގު ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރެއްވިކަމުގެ ކުށްސާބިތުވެގެން ކަމަށް ސްރީލަންކާގެ މީޑިޔާ ޚަބަރު ދެއެވެ.
ފޮންސެކާއަކީ 2009 ވަނަ އަހަރު ސްރީލަންކާ ސިފައިން ތަމަޅަ ޓައިގަރު ހަނގުރާމަވެރިންގެ މައްޗަށް ގަދަވެ ޓައިގަރުން ބަލިކުރުމުގެ އިސްމޭސްތިރި އެވެ. -- ގަލްފް ނިއުސް