23 May 2021, 18:31
ކޮވިޑް ޖެހިގެން ކުރީގެ އޮޑިޓާ ޖެނެރަލް އިސްމާއީލް ފަތުހީ އަވަހާރަވެއްޖެ އެވެ.
އިސްމާއިލް ފަތުހީ، މ. އަވީލާ މިއަދު އަވަހާރަވި އިރު އުމުރު ފުޅަކީ 80 އަހަރެވެ.
ރާއްޖޭގެ އެކައުންޓިން ދާއިރާގެ ބައްޕަ، އިސްމާއިލް ފަތުހީ އަށް 2019 ވަނަ އަހަރު ވަނީ ލައިފްޓައިމް އެޗީވްމެންޓް އެވޯޑުވެސް އަރުވައިފަ އެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި އޮޑިޓާ ޖެނެރަލް ކަން ކުރެއްވި އިސްމާއިލް ފަތުހީ ވަނީ 1993 ނޮވެމްބަރުން ފެށިގެން 2008 ގެ ޖެނުއަރީ 16ގެ ނިޔަލަށް އެ މަގާމު އަދާކުރައްވައިފައެވެ. އޭނާ އަކީ ރާއްޖޭގެ އެކައުންޓިން ދާއިރާ ކުރިއަރުވައި ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެެއް ކުރެއްވި ބޭފުޅެކެވެ.
އިސްމާއިލް ފަތުހީގެ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ދައުލަތުގެ ފައިސާ ބެލެހެއްޓުމުގެ ނިޒާމު ޒަމާނީ ގޮތަށް އެކުލަވާލުމާއި ރާއްޖޭގައި ބުކްކީޕިންގް ދިވެހި ބަހުން ކިޔަވައިދެއްވަން ފެއްޓެވުމުގެ އިތުރުން އަތޮޅުތަކުގައި ދައުލަތުގެ މާލީ މަސައްކަތްތައް ކުރާ ފަރާތްތައް މާލެއަށް ގެނެސް، ތަމްރީނު ދެއްވުން ހިމެނެ އެވެ.
އޭނާ ވަނީ ދިވެހި މަރުކަޒީ ބޭންކުގެ ހިންގުމުގެ ނިޒާމު ބައްޓަން ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވައިފަ އެވެ.
46 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތްތަކެއް ކޮށްދެއްވި އިސްމާއިލް ފަތުހީއަށް 2013 ވަނަ އަހަރު ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތްވެސް ދައުލަތުން އަރުވާފައެވެ.
ކޮވިޑުގައި އިސްމާއިލް ފަތުހީ މިއަދު އަވަހާރިވިއިރު އެ ބަލީގައި މަރުވި މީހުންގެ ޖުމްލަ ވަނީ 126 އަށް އަރައިފަ އެވެ.