23 May 2021, 18:34
ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް ނަގާ ސާމްޕަލްތަކުގެ 40 ޕަސެންޓު ބައްޔަށް ޕޮޒިޓިވްވަމުންދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މިއަދު އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕެޑޮމަލަޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅާފައިވީނަމަވެސް، ބަލި ފެތުރޭ މިންވަރު އަދިވެސް ދަނީ އިތުރުވަމުން ކަމަށެވެ.
މި މަހުގެ 21 ވަނަ ދުވަހާއި ހަމައަށް މި މަހުގެ ތެރޭ 22،166 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ބަލި ޖެހުނު މީހުންގެ ދެ ޕަސެންޓު މީހުންނަކީ ހޮސްޕިޓަލުގައި އެޑްމިޓު ކުރަން ޖެހުނު މީހުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އަދި ބަލި ޖެހުނު މީހުންގެ 87 ޕަސެންޓު މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަލާ މީހުން ކަމަށާއި 13 ޕަސެންޓު މީހުންނަކީ ވެކްސިންގެ މަދުވެގެން އެއް ޑޯޒް ޖަހާފައިވާ މީހުން ކަމަށްވެސް ޑޮކްޓަރު ވިދާޅުވި އެވެ.
ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑު ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓު ކުރަން ޖެހުނު މީހުންގެ 86 ޕަސެންޓު މީހުންނަކީ ވެކްސިންގެ އެއެއްވެސް ޑޯޒެއް ނުޖަހާ މީހުން ކަމަށެވެ.
މި ސްޓެޓިސްޓިކްސް އަށް ބަލާއިރު ވެކްސިންގެ އެއް ޑޯޒުންވެސް ކޮންމެވެސް ވަރަކަށް ބަލިން ރައްކާތެރިކަން ލިބޭ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވި އެވެ.
އިއްޔެގެ ހަޔަކުން ފެށިގެން މިއަދުގެ ހަވީރާއި ހަމައަށް ރާއްޖޭގައި ކޮވިޑު ޖެހިގެން ތިން މީހަކު މަރުވި ކަމަށާއި އެ ތިން މީހުންނަކީވެސް ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވ.
"އޭގެ ތެރެއިން ދެ މީހަކު ވަނީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ. އެކަކު ވަނީ ވެކްސިންގެ އެއް ޑޯޒް ޖަހާފައި،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
"ކޭސް ލޯޑު އިތުރުވާއިރު ތިބޭފުޅުންގެ ހިތުގައިވެސް އުފެދޭނެ ސުވާލެއް ކީއްވެތޯ ބަލި އިތުރވަނީ. ބަލި ޖެހެނީ އެކްސްޕޯސް ވެގެން. ޖަރާސީމަށް އެކްސްޕޯސްވާ ހާލަތެއް އައިސްގެން ނޫނީ ބައްޔެއް ނުޖެހޭނެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ބަލި ޖެހުމުން ރައްކާތެރިވުމަށް ރަނގަޅަށް މާސްކު އަޅައި ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމަށާއި ގައި ދުރުކަން ބެހެއްޓުމަށް ޑރ. އަފްޒަލް އިލްތިމާސް ކުރެއްވި އެވެ.