ކޮވިޑު19 އާއި ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި ބައްޔަށް ޓެސްޓު ކުރެވޭ މިންވަރު އިތުރު ކުރުމަށް، ރާއްޖޭގެ ހަތަރު ސަރަހައްދުގައި ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސަން ނިންމައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާލުވީ ބައްޔަށް ޓެސްޓު ކުރެވޭ މިންވަރު އިތުރު ކުރާ މަސައްކަތުގެ ތެރެއިން ލ. އަތޮޅާއި، ރ. އަތޮޅު އަދި ގދ. އަތޮޅާއި ޅ. އަތޮޅުގައި ޕީސީއާރު ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ތައްޔާރުވުމުގެ ގޮތުން އެ ސަރަހައްދުތަކުން ލެބް ޓެކްނީޝަނުން ތަމްރީނު ކުރަން ނިންމައި، ނަން ފޮނުވަން އަންގާފައިވާ ކަމަށް ވެސް މަބްރޫކު ވިދާޅުވި އެވެ.

"މަދުވެގެން ކޮންމެ ރަށެއްގައި 300 ޓެސްޓު ކުރެވޭނެ،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ޓާގެޓަކީ މަސް ދުވަސް ތެރޭ މި ތަންތަނުގައި ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އެންމެ ގިނަވެގެން 40-45 ދުވަސް ނަގާނެެ ކަމަށްވެސް ވިދާޅުވި އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކޮވިޑް ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު ބައެއް ސަރަހައްދުތަކުގައި ޖީން އެކްސްޕާޓް މެޝެން ބޭނުން ކޮށްގެންވެސް ޓެސްޓު ހަދަމުން ދެއެވެ.

ޓެސްޓިން ކެޕޭޭސިޓީ އިތުރު ކުރަން ނިންމާފައިވަނީ ކޮވިޑުގެ އަދަދުތައް އިތުރުވެ ބެކްލޮގް ވެސް ކްލިއާ ނުވެ ދުވަސްތަކެއް ވެފައި ވަނިކޮށެވެ. ބައެއް ހާލަތްތަކުގައި ހަފްތާ އެއް ވާއިރުވެސް ޓެސްޓުގެ ނަތީޖާ ނުލިބޭ ކަމުގެ ޝަކުވާ ލިބޭއިރު، ރަށްރަށުން ނަގާ ސާމްޕަލްތަކުގެ ނަތީޖާ ލަސްވާ ޝަކުވާ ވެސް އިތުރެވެ.