ކޮވިޑް ކޮންޓްރޯލު ކުރުމަށް 26 މެއި ވަނަ ދުވަހުން ފެށިގެން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގެ ތެރެއިން 26 މެއި ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

"ލޮކްޑައުން ކުރަން ނިންމާފައެއް ނުވޭ،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ 26 ވަނަ ދުވަހުން އަޅާނެ ފިޔަވަޅުތަކާމެދު މިހާރުވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ މިހާރުވެސް ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. އަދި ސަރުކާރާާއި އަމިއްލަ އޮފީސްތަކުންވެސް ގޭގައި މަސައްކަތް ކުރަން އަންގާފައިވާއިރު ކެފޭ، ރެސްޓޯރެންޓުތަކުން ޑައިން އިންގެ ހިދުމަތް ދިނުން ވަނީ މެދުކަނޑާލައިފައެވެ.

ކޮވިޑުގެ ހަތަރުވަނަ ރާޅާއެކު ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ބާރަށް ބަލި ދަނީ ފެތުރެމުންނެވެ. މިވަގުތުވެސް 70 އަށް ވުރެ ގިނަ ރަށް މޮނީޓަރިންގައި އެބައޮތެވެ.

އިއްޔެ އާ ހަމައަށް ރާއްޖެއިން 54،300 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު 22،400 އަށް ވުރެ ގިނަ މީހުން ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. ބަލީގައި މިހާތަނަށް 125 މީހަކު މަރުވެފައިވާއިރު 31،000 އަށް ވުރެ ގިނަ މީހުން ބަލިން ފަސޭހަ ވެފައި ވެއެވެ.