13 Feb 2012, 08:28
ރައީސް މައުމޫންގެ ދިގު ވެރިކަން ނިންމުމަކަށް އައީ 2008 ވަނަ އަހަރު ރިޔާސީ އިންތިހާބްގެ ދެވަނަ ބުރު ރައީސް ނަޝީދު ކާމިޔާބު ކުރެއްވި ހިސާބުންނެވެ. އެ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދަށް ވެރިކަން ހޯއްދަވައިދިނުމަށް އިދިކޮޅު ފަރާތްތައް މަސައްކަތް ކުރީ އެކަތިގަނޑެއްގެ ގޮތުގަ އެވެ. ދައުލަތުގެ ތިން ބާރު ވަކިކޮށް، ގާނޫނު އަސާސީއާ އެއްގޮތަށް ވެރިންކަން ހިންގުމުގެ ބޭނުގަ އެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމަށް އަހަރެއް ނުވެ، ގާނޫނު އަސާސީއާ ހިލާފަށް ރައީސް ނަޝީދު ވެރިކަން ހިންގަވާ ކަމަށް ބުނަމުން އިއްތިހާދުވި އިދިކޮޅު ބައެއް ފަރާތްތައް ފެޔަށް ޖެހުނެވެ. އެހިސާބުން ފެށިގެން ދެން މުޅިން ވެސް ބުނަމުން ދިޔައީ ގާނޫނީ އިމުގެ ބޭރުން ރައީސް ނަޝީދު ކަން ކުރައްވަމުން ގެންދަވާ ވާހަކަ އެވެ. އަބަދު އެވާހަކަ ދެކެވެމުން ގޮސް ދިގު ދެމިގެންދިޔަ މުޒާހަރާތައް ފެށި އެންމެފަހުން ފުލުހުންނާއި ސިފައިން ވަނީ ރައީސް ނަޝީދުގެ ސަރުކާރު ނިމުމަކަށް ގެނެސްފަ އެވެ. ނަމަވެސް އެ ވެރިކަން ނިންމުމަކަށް ގެނައުމުގައި ގާނޫނީނީ ގޮތުން ޝައްކުތަކެއް ރައީސް ނަޝީދާއި އެމަނިކުފާނުގެ ޕާޓީން ދަނީ ކުރަމުންނެވެ.
ޤަނޫނު ގާނޫނު އަސާސީގެ 121 ވަނަ މާއްދާގެ (ހ) ގައި ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން އިސްތިއުފާދޭން ބޭއްނުންވެއްޖެ ނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައި، އެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބުމުން ރައީސުލްޖުމްހޫރިއްޔާ އެ މަގާމުން ވަކިވާނެ ކަމަށް ބުނެފައިވާއިރު އެފަދަ ސިޓީއެއް މަޖިލީހަށް ފޮނުއްވާފައިނުވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެއީ ވަރަށް ބޮޑު ސުވާލެކެވެ. އެކަމަކު އާ ރައީސް ހުވާ ކުރައްވާފައި ވަނީ ރައީސްނަޝީދުގެ އިސްތުފާ ދެއްވާފައިވާ ކަމަށް އެމަނިކުފާނު ގައުމާ މުހާތަބުކޮށް ވިދާޅުވުމަށްފަހު އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންފައިވާ ކަމާ ރައީސުލް ޖުމްހޫރިއްޔާގެ މަގާމު ހުސްވެފައިވާ ކަމަށް އެ މަޖިލީހުގެ ރައީސް ވިދާލުވުމަށްފަހު އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒުގެ ސެކެޓްރީ އަދި ކެބިނެޓްގެ ކަންތައްތައް ވެސް ބަލަހައްޓަވަމުން ގެންދެވި ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވި ގޮތުގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލުމަށް ފުލުހުންނާއި ސިފައިން އާއްމުންނާ ގުޅިގެން ހިންގި ކަންތައްތަކަކީ ބަޣާވާތެއް ނޫން ކަމަށް ކަނޑައެޅޭނެ އެއްވެސް ގޮތެއް ނެތެވެ. ރައީސް ނަޝީދު އިސްތިއުފާދެއްވި މަރުހަލާގައި ވެސް ކަންތައްތައް ހިނގާފައިވަނީ ގާނޫނު އަސާސީއާ އެއްގޮތަށް ނޫނެވެ.
"އެއްވެސް ހައިސިއްޔަތެއް ނެތް ސިވިލިއަނުންގެ ބަޔަކު އޭރު މާލޭގައި އޮތް މުޅި ސިޓުއޭޝަންގެ ކޮންޓްރޯލް ނެގުމަށްފަހު އެއްގަޑިއިރުގެ ތެރޭގައި ރައީސް އިސްތިއުފާ ދިނުމަށް އެނގިތަން ފެނިގެން ދިޔައީ. އަމިއްލަ އިހުތިޔާރުގައި އެއްވެސް މަޖުބޫރު ކަމެއް ނެތި އެއް ނޫން އެސިޓީއެއް ލިޔުއްވީ. އެއީ އަމިއްލަ އިހުތިޔާރުގައި މަޖުބޫރު ކަމެއް ނެތި ލިޔާ އެއްޗެއް ނަމަ އެ ސިޓީ ރައްދުވާން ޖެހޭ މީހާއަށް ރައްދުވުމުގެ ކުރިން އަނބުރާ ގެނައުމުގެ ބާރު ވެސް އެމީހާއަށް ލިބެންޖެހޭނެ،" ހިސާން ވިދާޅުވި އެވެ.
މުޒާހަރާގެ ފަހުރޭ ގިނަ އަދަދެއްގެ ފުލުހުން ޖުމްހޫރީ މައިދާނަށް އެއްވެ ހަޅުތާލުކުރަމުން ދިޔައީ، ޣައިރު ގާނޫނީ އެއްވެސް އަމުރެއް ފުލުހުންގެ މައްޗަށް ނުކުރާނެ ކަމުގެ ޔަގީންކަން އެމީހުންނަށް އޭރުގެ ޕޮލިސް ކޮމިޝަނާގެ މަގާމުގައި ހުންނެވި އަހުމަދު ފަސީހު ނުވަތަ ރައީސް ނަޝީދު ދެއްވުމަށް އެދި އެވެ.
ނަމަވެސް ޖެހިގެން އައި ދުވަހުގެ ހެނދުނު ރައީސް ނަޝީދު ފުލުހުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކަށް ކުރި އެރުމެއް ނުލިބި ދެން ފެނިގެން ދިޔައީ ގައުމީ ދިފާއީ ބާރާއި ފުލުހުންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގިތަނެ އެވެ. އެއަށްފަހު ޖުމްހޫރީ މައިދާނާ މާލޭގެ އެކި ސަރަހައްދުތަކުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ކުއްލިއަކަށް ގައުމީ ދިމާއީ ބާރުން ވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް މުހުލަތެއްދީފަ އެވެ. އަދި އެމަނިކުފާނު ރައީސް އޮފީހަށް ސިފައިންގެ ބެލުމުގެ ދަށުގައި ވަޑައިގެން އިސްތިއުފާދެއްވިކަން އިއުލާން ކުރެއްވިތަނެވެ.
ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރުން ރައީސް ނަޝީދު އިސްތިއުފާދެއްވީ ފުލުހުންނާއި ސިފައިން އެމަނިކުފާނަށް ބިރުދައްކައި، މަޖުބޫރުކޮށްގެން ކަމަށް ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީއަށް ތާއީދުކުރާ ގިނަ ބަޔަކު މިހާރު ގެންދަވަނީ ސިފަކުރަމުންނެވެ. އަދި ދުނިޔޭގެ ބައެއް މީޑިއާތަކުން ވެސް ސިފަކުރަނީ ރައީސް ނަޝީދުގެ ވެރިން ވައްޓާލާފައިވަނީ މިލިޓަރީ އިންގިލާބަކުން ކަމަށެވެ.
"އަޅުގަނޑަށް މިއަދު ފެންނަ ފެނުމުގައި އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސް ކަމުގައި ހުރެއްޖެ ނަމަ ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް އެތައް ގިނަ ގުނަ ގެއްލުންތަކެއް ވެދާނެ ކަމަށް އަޅުގަނޑަށް ފެންނާތީވެ، އަޅުގަނޑު މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދީފިން،" ރައީސް ކަމުގެ މަގާމުން އިސްތިއުފާދެއްވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަމަވެސް އޭރު އެމަނިކުފާނަށް އެއްވެސް ކަމެއް މަޖުބޫރުވެވަޑައިގެން، ފުލުހުން ނުވަތަ ސިފައިން އެއްވެސް ކަމެއްކޮށްގެން އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވި ކަމުގެ އެއްވެސް އިޝާރާތެއް ނުދެއްވަ އެވެ. ރައީސް ނަޝީދަކީ ކޮންމެ އެއްޗެއް ވިދާޅުވާން ފަސްޖެހިވަޑައި ނުގަންނަވާ ބޭފުޅަކަށްވާއިރު މިހާރު އެމަނިކުފާނު ދައްކަވާ ވާހަކަފުޅު އޭރު ނުދެއްކެވީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ. އަދި އޭގެ ކުރިޔަށް ދާއިރު އިސްތިއުފާ ދެއްވުމުގެ ކުރިން ޕީޕީއެމްގެ އަބްދުﷲ ޔާމީނަށާއި އުމަރު ނަސީރަށާއި އަދި ޑީއާރްޕީގެ ލީޑަރު ތަސްމީނަށް ފޯނުން ގުޅުއްވައި އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާ ކަމަށް އެބޭފުޅުން ވިދާޅުވަމުން ގެންދަވާއިރު ރައީސް ނަޝީދުގެ ކުރީގެ ވާހަކަތަކާއި މިހާރުގެ ވާހަކަތަކުގައި ފުށުއެރުން ބޮޑެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި އެމްއެންޑީއެފާއި ފުލުހުންގެ މުއައްސަސާގެ އިސް މަގާމަކުން ވަކިކުރައްވާފައިވާ ބޭފުޅުން ކޮޅެއް އެދުވަހު ސިފައިންގެ އަށާއި ރައީސް އޮފީހަށް ވަދެވަޑައިގެންނެވި ކޮން ގާނޫނެއްގެ ދަށުންތޯ މިއީވެސް ސުވާލެކެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނު ސުއޫދު ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް މަޖުބޫރު ކުރުވައިގެން ވެރިކަމުން ދުރުކުރުކޮށްފައިވާނަމަ ޑރ. ވަހީދުގެ ސަރުކާރާމެދު ސުވާލު އުފެއްދިދާނެ ކަމަށެވެ. އަދި މަޖުބޫރުން ރައީސް ނަޝީދު ވެރިކަމުން ދުރުކޮށްފައިވާނަމަ އެ މައްސަލަ ބެލޭނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ގާނޫނީ އަސާސީއާ އެއްގޮތަށް މިހާތަނަށް އެއްވެސް ކަމެއް ކުރެވިފައިވޭތޯ ގާނޫނީ ގިނަ ބޭފުޅުން ސުވާލުއުފައްދަވާއިރު އެމްޑީޕީގެ ޓިކެޓްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބްގެ މަގާމަށް ވަޑައިގެންނެވި އަދި މިހާރު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް އެމްޑީޕީން ދަނީ ތުހުމަތުކުރަމުންނެވެ.
ގާނޫނު އަސާސީގެ ޖަދުވަލް އެކެއްގައި ބުނެފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބްވާ މީހަކު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކަނޑައަޅާފައިވާ މީހަކު، އެގާނޫނު އަސާސީގެ ޖަދުވަލު އެކެއްގައިވާ ގޮތުގެ މަތިން އެމީހެއްގެ މަގާމުގެ ހުވާކޮށް، އެ ހުވައިގެ އިގުރާރުގައި ސޮއިކުރައްވަން ވާނެ އެވެ. ނަމަވެސް ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމާ ގުޅިގެން ޑރ. ވަހީދު ރައީސް ކަމުގެ މަގާމުގެ ހުވާކުރެއްވުމުގައި އެއާ ހިލާފަށް ހުވާކުރައްވާފައިވާތީ އެހުވައާ މެދު ވެސް ބައެއް މީހުން ގާނޫނީ ސުވާލު އުފައްދަ އެވެ.
" ގާނޫނު އަސާސީ ނެގެހެއްޓަން ޖެހޭ މިންވަރާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ޖަދުވަލެއްގައި ބުނެފައި އެބައޮވޭ އިންސާނެއްގެ ބާރު ނުފޯރުވާ ކަމެއް ނޫން ގޮތަކަށް ގާނޫނު އަސާސީން ބުނާ އެއްވެސް ކަމެއް ބަދަލެއް ނުކުރެވޭނެ އޭ. އެހެންވެ އެ ހުވާކުރައްވަން ޖެހޭނީ އޭގައި ބުނެފައިވާ ގޮތަށް،" ހިސާން ވިދާޅުވި އެވެ.
ގާނޫނީ ބޭފުޅުން އެހެން ވިދާޅުވާއިރު އެހުވާ ލައި ދެއްވީ އުއްތަމަ ފަނޑިޔާރެވެ. ޑރ. ވަހީދު ހުވާ ވިދާޅުވީ އެމަނިކުފާނުގެ އަޑު ދަށުންނެވެ. އެހެން ކަމުން އުއްތަމް ފަނޑިޔާރު ވަކި ގޮތަކަށް އަމަލު ކުރައްވައިފި ނަމަ އެއީ ގާނޫނީ ޕްރެސީޑެންޓެއް ގާއިމުވީ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.
ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުގައި ވެސް އަމަލްކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމުގައިވާތީ އެމައްސަލަ އެމަނިކުފާނުގެ ގާނޫނީ ޓީމުން ބެލުމަށްފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
މިހާރު ރާއްޖޭގައި އުފެދިފައިވާ ސަރުކާރަކީ ބަޣާވަތްކޮށްގެން ގެނެސްފައިވާ ސަރުކާރެއް ކަމަށް އެއްވެސް ބަޔަކު ބުނާ ނަމަ އެކަން ސާބިތުކޮށްދޭން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ރައީސް ނަޝީދުގެ ސަރުކާރުގެ ބަންޑާރަ ނައިބު ކަން ވެސް ކުރައްވާފައިވާ ފާތުމަތު ދިޔާނާ ސައީދު ވަނީ ވިދާޅުވެފަ އެވެ.
ގާނޫނު އަސާސީގެ ދަށުން އުފެދިފައިވާ ސަރުކާރެއް ވެއްޓިގެން ދިޔައީ ޣައިރު ގާނޫނީ ގޮތުން ފުލުހުންނާއި ސިފައިން އާއްމުންނާ ގުޅިގެން ހިންގި ބަޣާވާތެއްގެ ސަބަބުން ކަމަށް ރައީސް ނަޝީދާއި އެމްޑީޕީއަށް ތާއީދުކުރާ ގިނަ ބަޔަކު ގަބޫލުކުރާއިރު ގާނޫނީ އަސާސީ ވުޖޫދަށް އައިފަހުން އެ އަސާސިއަށް ބޯލަނބާ ކިޔަމަންވެފައިވަނީ ކިހާވަރަކަށްތޯ އުފެދޭ ސުވާލު ވެސް އެބައޮތެވެ.