ހުޅުމާލޭ އިމާރާތަކުން ވެއްޓި ޒަހަމްވި ޒުވާނާ ހަ ބުރީގެ އިމާރާތަށް ވެއްޓުމުގެ 10 މިނިޓް ކުރިން އެކަނި އެރި ކަމަށާއި އޭގެ ކުރިން ހުޅުމާލޭ މަގުމަތީގައި އަޑުގަދަކޮށް ދުވެ ހެދި ކަމަށް ފުުލުހުން މިއަދު ބުންޏެވެ.

ބުރާސްފަތި ދުވަހު ހުޅުމާލޭ ހަ ބުރިގެ އިމާރާތަކުން ގެސްޓް ހުއުސްގެ ޓެރަސްއަށް ފުއްމާލައި، އޭގެ ފަހުން ގެސްޓްހައުސްއިން ބިންމައްޗަށް ވެއްޓި، ޒަހަމްވެފައި އޮއްވާ ފެނުނު އުުމުރުން 21 އަހަރުގެ އެ ޒުވާނާއަށް އަދިވެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގުމުގެ 10 މިނިޓް ކުރިން އެ ޒުވާނާ އެކަނި ހަ ބުރީގެ އިމާރާތައް އަރާ މަންޒަރު ސީސީޓީވީން ފެންނަ ކަމަށެވެ. އަދި އޭނާ ވެއްޓުމުގައި އެއްވެސް އިތުރު މީހެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

"އޭނާ ވެއްޓިފައި ވަނީ، ހަ ބުރީގެ އިމާރާތުން ޖެހިގެން ހުރި ތިން ބުރީގެ އިމާރާތުގެ [ގެސްޓް ހައުސްގެ] ޓެރެސް މައްޗަށް ކަމަށް ބެލެވޭ. އަދި ތިރިއަށް ވެއްޓިފައި ވަނީ އެ ތިން ބުރީގެ އިމާރާތުގެ މަތިން ކަމަށް ބެލެވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުޗު އެވެ.

"އަނިޔާވި މީހާ ވެއްޓުމުގައި އެއްވެސް މީހެއްގެ ދައުރެއް އޮތް ކަމަށް ތަހުގީގަށް އަދި މިހާތަނަށް ފާހަގަ ކުރެވިފައި ނުވޭ،"

އޭނާ ވިދާޅުވީ، އެ އިމާރާތަށް ވަނުމުގެ ކުރިން ހުުޅުމާލެ މަގުމަތުގައި އެ ޒުވާނާ އަޑު ގަދަކޮށް ދުވެ ހެދި ކަމަށެވެ.

"އެ އިމާރާތައް ވަނުމުގެ ކުރިން ހުޅުމާޅޭ މަގުތަކުގައި، އަޑުގަދަކޮށް އެކަނި ކޮޅު ކޮޅަށް ދުވެ އުޅެފައިވާކަން ސީސީޓީވީ ފުޓޭޖުންނާއި މަންޒަރުދުށް މީހުންގެ ބަހުން ތަހުގީގަށް އެނގިފައިވޭ،" މިޑީއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުން އަދިވެސް ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.