ޣައްޒާ (މޭ 23 ) : އިސްރާއީލުން ޣައްޒާއަށް ދިން 11 ދުވަހުގެ އުދުވާނީ އަދި ލާއިންސާނީ ޙަމަލާތަކުގައި ބޭނުންކުރި ބާރުގަދަ ބޮންތަކުގެ ތެރެއިން ނުގޮވައި ހުރި ގިނަ އަދަދެއްގެ ބޮން ފެންނަމުން ދާކަމަށާ މިކަމުގެ ސަބަބުން އާންމުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ފަލަސްތީނުގެ މަސްއޫލުވެރިން ވިދާޅުވެއްޖެއެވެ.

ނުގޮވައި އޮތް 300 ވަރަކަށް ބޮން މިހާތަނަށް ފެނިފައިވޭ.

ޣައްޒާގެ ފުލުހުން ބުނިގޮތުގައި އިސްރާއީލުގެ ފައިޓާ ޖެޓްތަކުން ޣައްޒާގެ އިމާރާތްތަކަށް އެޅި ބޮންތަކުގެ ތެރެއިން ނުގޮވައި އޮތް 300 ބޮމެއް މިހާތަނަށް ފެނިފައިވާ ކަމަށާ މި ބޮންތަކުގެ ބާރުކަނޑުވާލުމަށާއި އެ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުމަށް ގޮވާތަކެއްޗާބެހޭ ފަލަސްތީނުގެ ތަޖްރިބާކާރުން މަސައްކަތް ކުރަމުން ގެންދާކަމުގައެވެ.

ނުގޮވައި އޮތް ބޮމެއް

އިސްރާއީލުން އެޅި ބޮންތަކުގެ ތެެރޭގައި ފޮސްފެރަސް ބޮންވެސް ހިމެނޭ

އިސްރާއީލު އެޅި ބޮންތަކުގެ ތެރެއިން ނުގޮވައި ހުރި ބޮންތަކުގެ ތެރޭގައި ބައިނަލްއަގްވާމީ ގޮތުން މަނާ ހަތިޔާރެއް ކަމަށްވާ ފޮސްފެރަސް ބޮންވެސް ހިމެނޭކަމަށް ފަލަސްތީނުގެ މީޑިއާ ބުނެއެވެ. އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން 11 ދުވަސްވަންދެން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދިން އުދުވާނީ ޙަމަލާތަކުގައި ފަލަސްތީނުގެ 253 މީހުންވަނީ ޝަހީދުވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ބޮން އަޅަނީ

އޭގެތެރޭގައި 67 ކުޑަކުދިންނާއި 40 އަންހެނުން ހިމެނެއެވެ. އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގި 11 ދުވަހުގެ އުދުވާނުގައި ޒަޚަމްވި ފަލަސްތީނު މީހުންގެ އަދަދު ގާތްގަނޑަކަށް ދެހާހަށް އަރައެވެ.

ޣައްޒާގެ 80 ހާސް މީހުން ތިބީ ސާފު ބޯފެނާއި ކާބޯތަކެއްޗަށް އިންތިހާއަށް ބޭނުންވެފައި

ކުޑަކުދިންނާބެހޭ އދ. ގެ އެޖެންސީ ޔުނިސެފް ބުނާގޮތުން އިސްރާއީލުގެ އުދުވާނުގެ ސަބަބުން ޣައްޒާގެ އެއްލައްކައަށްވުރެ ގިނަމީހުންވަނީ އެމީހުންގެ ގެދޮރު ހާލުވުމުގެ ސަބަބުން މަގުމަތިވެ ރެފިއުޖީންނަށް ވެފައެވެ. މީގެތެރެއިން ގާތްގަނޑަކަށް 80 ހާސް މީހުން ތިބީ ފެނާއި ކާބޯތަކެއްޗަށް އިންތިހާއަށް ބޭނުންވެފައެވެ.

ޣައްޒާ

އިސްރާއީލުގެ އުދުވާނުގައި ޣައްޒާގެ 1480 އިމަރާތެއް (އާންމުންގެ ގެދޮރުވެސް ހިމެނޭގޮތަށް) އެއްކޮށް ހަލާކުކޮށްލާފައިވާއިރު 1800 ގެއެއްވަނީ ވަރަށް ބޮޑަށް މަރާމާތުކޮށްގެން ނޫނީ ދިރިނޫޅެވޭ މިންވަރަށް ހަލާކުވެފައެވެ. އަދި އެއްހާސްގެ ވަނީ ބިމާ ހަމަކޮށްލާފައެވެ.

ޣައްޒާ އަލުން އާރާސްތުކުރުމަށް މަދުވެގެން 2 ބިލިޔަން ޑޮލަރު ބޭނުންވޭ

ޣައްޒާ އަލުން އާރާސްތުކުރުމަށް މަދުވެގެން 2 ބިލިޔަން ޑޮލަރު ބޭނުންވާކަމަށްވަނީ އަންދާޒާ ކުރެވިފައެވެ. ނަމަވެސް ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ ފުރުސަތު ނުދޭނެ ކަމުގެ އިޝާތްތައް މިހާރުވެސް އިސްރާއީލުން ވަނީ ދީފައެވެ. މީގެކުރިން 4 ފަހަރެއްގެ މަތިން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގި އުދުވާނުގައި ހަލާކުކޮށްލާފައިވާ ގިނަ އިމާރާތްތަކެއްވެސް އަދިވެސްވަނީ އިސްރާއީލުން އަޅާ ހުރަސްތަކުގެ ސަބަބުން މަރާމާތު ނުކުރެވިއެވެ. މިސްރުންވަނީ ޣައްޒާ އާރާްތު ކުރުމަށް 500 މިލިޔަން ޑޮލަރު ދޭނެކަމަށް ބުނެފައެވ

ޣައްޒާ ސާފުކުރަނީ

ޣައްޒާގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ބައެއް ވޮލަންޓިއަރުންނާއި ކުއްލި ހާލަތުގައި މަސައްކަތްކުރާ މީހުންނާއި ފަލަސްތީނުގެ ރެޑްކްރެސެންޓަށް ނިސްބަތްވާ މީހުން ޣައްޒާގެ ފުލުހުންނާއި ސިވިލް ޑިފެންސް ފޯސް އާ ގުޅިގެން ވަނީ ، އިސްރާއީލުގެ ޙަމަލާތަކުގައި ވައްޓާލާފައިވާ ޣައްޒާގެ އިމާރާތްތަކުގެ ބައިތައް މަގުތަކުން ނަގައި ޣައްޒާ ސާފު ކުރުމުގެ މަސައްކަތް ފަށާފައެވެ. މިގޮތަށް ސާފުކުރަމުން ގެންދިޔައިރު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ޝަހީދުވެފައިވާ 6 މީހެއްގެ ހަށިތަކާއި ޒަޚަމުވެފައިވާ 10 މީހަކު ވަރަށް ހާލުގައި އޮއްވައި ފެނިފައިވެއެވެ. (ނޫސްއެޖެންސީތައް+ފަލަސްތީނުގެ މީޑިއާ)