23 May 2021, 14:39
ޖަލުގައި ހުއްޓައި ގދ. ގައްދޫ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވި ގދ. ގައްދޫ، ވިންސެންޓް، މުހައްމަދު އަހުމަދު (އެމްޑީ) ބަންދުން ދޫކޮށްލަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން، ރާއްޖޭގެ ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ދެ މައްސަަލައެއްގައި ދައުުވާ އުފުލާވައިފާ އެމްޑީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މި މަހުގެ ތިން ވަނަ ދުވަހު ގައްދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ އޭނާ ދޫކޮށްލަން ނިންމާފަ އެވެ.
މެޖިސްޓްރޭޓް ކޯޓުގެ ނިންމުން، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހައިކޯޓުން މިއަދު ވަނީ މުޙައްމަދު އަހްމަދު ބަންދުން ދޫކޮށްލުމަަށް ނިންމި ނިންމުން ބާތިލުކޮށްފަ އެވެ.
ހައިކޯޓުގެ ނިންނުމާއެކު، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދަށުކޯޓުން ކުރި އަމުރު ދެމިއޮންނާނެ އެވެ. އެހެންކަމުން އޭނާ އަލުން ބަންދަށް ބަދަލުކުރެވޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ގައްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވުމަށްފަހު، އޭނާ ދޫކޮށްލަން ކޯޓުން އަމުރުކުރުމުން، މައްސަލަ އިސްތިއުނާފުކޮށް ޕީޖީ އިން ބުނެފައި ވަނީ، އޭނާ އިންތިހާބުވުމަކީ އޭނާގެ ފަރާތުން ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިގެންދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.
އެމްޑީގެ މައްޗަށް ކުރެވެނީ 2015 ވަނަ އަހަރު އޭނާ ކައުންސިލު ރައީސްކަމުގައި ހުރި އިރު ކުޑަކުއްޖަކާއެކު ޖިންްސީ އަމަލެއް ހިންގުމުގެ ތުހުމަތެވެ.
އޭގެ ފަހުން މިދިޔަ އަހަރު ތެރޭ މުހައްމަދު އަހުމަދުގެ މައްޗަށް ވަނީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލައިފަ އެވެ.
އޭނާ ގައްދޫ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓުގަ އެވެ. އޭނާ އިންތިހާބުވީ އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް 21 ވޯޓުގެ ތަފާތަކުންނެވެ. އޭނާއަށް އިންތިހާބުގައި ވާދަ ކުރަން ފުރުސަތު ލިބުނީ އޭނާގެ މައްސަލަތައް ނިންމައި ހުކުމެއް ކޮށްފައި ނެތުމުންނެވެ.