ދިއްލީ (މެއި 23): މީގެ ކުރިން މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ މިއުކޯމައިކޯސިސް ނުވަތަ ބްލެކް ފަންގަސްގެ ގާތްގަނޑަކަށް 9،000 ކޭސް އިންޑިއާއިން ރިޕޯޓުކޮށްފި އެވެ.

އިންޑިއާއިން ބްލެކް ފަންގަސްގެ ކޭސްތައް އެންމެ ގިނައިން ފެނިފައި ވަނީ ގުޖުރާތާއި މަހާރަޝްތުރާއިންނެވެ. އެގޮތުން އެގައުމުން ފާއިތުވި މަސްތަކުގައި ރިޕޯޓުކޮށްފައިވާ 8،800 ކޭސްތަކުގެ ތެރެއިން ދެބައިކުޅައެއްބައި ފެނިފައި ވަނީ އެ ދެ ސްޓޭޓުންނެވެ. އަދި އެހެން 15 ސްޓޭޓަކުން ވަނީ އަށެކާއި 900އާ ދެމެދުގެ އަދަދެއްގެ މީހުންނަށް ބަލި ޖެހިފައިވާ ކަމަށް ބުނެފަ އެވެ.

އިންޑިއާގައި ބްލެކް ފަންގަސް އެންމެ ގިނައިން ޖެހެމުން ދަނީ ކޮވިޑް-19އިން ރަނގަޅުވަމުން އަންނަ ނުވަތަ ރަނގަޅުވެފައިވާ މީހުންނަށެވެ. އަދި އާއްމުކޮށް އެ ބަލި ފެންނަނީ ކޮވިޑުން ރަނގަޅުވާތާ 12 އާއި 18 ދުވަހުގެ ތެރޭގައި ކަމަށް ބީބީސީއަށް މައުލޫމާތު ދެއްވި ޑޮކްޓަރުން ވިދާޅުވި އެވެ.

އިންޑިއާގެ އިންދޯރު ސިޓީގައި ހުރި މަހާރާޖާ ޔޭޝްވަންތަރާއޯ ހޮސްޕިޓަލުގެ ޑިޕާޓްމެންޓު އޮފް މެޑިސިންގައި އިސްކޮށް ހުންނެވި ޑރ. ވީޕީ ޕާންޑޭ ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލްގައި މިދިޔަ ހަފްތާގައި ތިބީ ބްލެކް ފަންގަސް ޖެހިފައިވާ އަށް މީހެކެވެ. ނަމަވެސް އިއްޔެއާ ހަމަޔަށް އެ އަދަދު ވަނީ 185އަށް އަރާފަ އެވެ. އަދި އޭގެ ތެރެއިން 80 ޕަސެންޓަށް ވުރެ ގިނަ މީހުންގެ އޮޕަރޭޝަން ކުރަން ވަނީ ޖެހިފަ އެވެ.

ޑރ. ޕާންޑޭ ވިދާޅުވި ގޮތުގައި މީގެ ކުރިން އެ ހޮސްޕިޓަލަށް ބްލެކް ފަންގަސް ޖެހިގެން އަންނަނީ އަހަރަކު އެކެއް ނުވަތަ ދެ މީހުންނެވެ. އަދި އެ ބަލީގެ ކޭސްތައް އެހާވަރަށް އިތުރުވާނެ ކަމަށް ލަފާކޮށްފައި ނުވާ ކަމަށާއި މިހާރު ބްލެކް ފަންގަސް ކޮންޓްރޯލް ކުރުން ވަނީ ކޮވިޑް-19އަށް ވުރެ ގޮންޖެހުން ބޮޑު ކަމަކަށްވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޕާންޑޭ ވިދާޅުވި ގޮތުގައި އޭނާ ވަނީ ބްލެކް ފަންގަސް ޖެހިފައިވާ 201 މީހެއްގެ މައުލޫމާތު ހަތަރު ހޮސްޕިޓަލަކުން ހޯދާފަ އެވެ. އޭގެ ތެރޭގައި ފިރިހެނުންގެ އަދަދު ގިނަ ކަމަށާއި ގިނަ މީހުންނަކީ ކޮވިޑުން ރަނގަޅުވެފައިވާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ 201 މީހުންގެ ތެރެއިން ގިނަ މީހުންނަށް ކޮވިޑް ޖެހިގެން ފަރުވާ ދިން އިރު ސްޓެރޮއިޑް ބޭނުން ކުރި ކަމަށާއި އެންމެންގެވެސް އެހެން ބަލިތައް ހުރި ކަމަށާއި އޭގެ ތެރެއިން އެންމެ ގިނައީ ހަކުރު ބަލި ކަމަށް ޑރ. ޕާންޑޭ ވިދާޅުވި އެވެ.

މީގެ އިތުރުން، ކޮވިޑް-19 ޖެހުމަށް ފަހު ބްލެކް ފަންގަސް ޖެހުނު 100 މީހެއްގެ މައުލޫމާތު އިންޑިއާގެ އެހެން ހަތަރު ޑޮކްޓަރަކު އެއްކޮށް، ދިރާސާއެއް ހެދި އެވެ. އޭގެ ތެރެއިން 79 މީހުންނަކީ ފިރިހެނުންނެވެ. އަދި 83 މީހުންނަކީ ހަކުރު ބަލި ހުރި މީހުން ކަމަށް އެ ޑޮކްޓަރުން ހޯދި މައުލޫމާތު އެނގުނެވެ.

ވެއްޔާއި ހަލާކުވާ މޭވާ އާއި ތަރުކާރީ ފަދަ ތަކެތީގައި ޖަހާ ފަަންގަސް އެއްގެ ޒަރިއްޔާއިން ފެތުރޭ މިއުކޯމައިކޯސިސް ޖެހުމުން ނޭފަތް ކަޅުވެ، ލޮލުގެ ފެނުން ފުސްވެ، މެއަށް ތަދުވުމުގެ އިތުރުން ނޭވާލާން ދަތިވެ، ކެއްސާ އިރު އަނގައިން ލޭ އައުން ފަދަ ކަންކަން ދިމާވެ އެވެ. އަދި ހަކުރު ބަލި ހުންނަ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް އެ ބަލި ޖެހުމުން ފުރާނައަށް ނުރައްކާވެދާނެ އެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށް، ފަންގަސް ފެތުރިފައިވާ ގުނަވަނެއް ނަގަން ޖެހިދާނެ އެވެ.