23 May 2021, 13:36
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަކީ ފުރިހަމަ އިހްތިޔާރާއި ބާރު ލިބިގެންވާ މިނިވަން ތަނަކަށް ހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ނަމަވެސް، ސަރުކާރުގެ ވިސްނުން މިހާރު ހުރީ އެގޮތަށް ނޫން ކަމަށް، އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
އީޕީއޭ މިނިވަން ތަނަކަށް ހެދުމަކީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭނުގައި ހިމަނާފައިވާ ކަމެކެވެ. އެކަން ހާސިލު ކުރަން އަމާޒު ހިފާފައި ވަނީ 2020ގެ ނިޔަލަށެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ "ކަވަރިންގ އެންވަޔަރަމަންޓް" ތަމްރީނު ގްރޮގްރާމުގައި ނޫސްވެރިޔަކު ވަނީ އެކަމާ ގުޅޭގޮތުން ސުވާލުކޮށްފަ އެެވެ.
ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ އީޕީއޭ މިނިވަންކުރުމުގެ މަޝްވަރާތައް ފެށިގެން އައީ، ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ތަންތަނުގެ އެންވަޔަރްމެންޓަލް އިޕްމެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ދީ މިދިޔަ ސަރުކާރުން ގާނޫނަށް އިސްލާހު ގެނައި ހިސާބުން ކަމަށެވެ. މި ސަރުކާރުން ވަނީ އެ ބާރު ޓޫރިޒަމް މިނިސްޓްރީގެ ދަށުން ނެގުމަށް ފަހު އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ އީޕީއޭގެ ދައުރު ފުޅާކުރުމަށް މިހާރު އޮތް ތިމާވެށީގެ ގާނޫނަށް ބަދަލުގެނެވިދާނެ ގޮތްތަކާ ގުޅޭގޮތުން، މީގެކުރިން ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގައި ހުންނެވި އިރުވެސް މަޝްވަރާތައް ކުރިއަށް ގެންދެވި ކަމަށެވެ. އަދި މިހާރު މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އީޕީއޭ އާ ވެސް ބައްދަލުކޮށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެ މަޝްވަރާތަކުގެ ތެރެއިން އީޕީއޭއަކީ ވަސީލަތްތަކާއި މުވައްޒަފުން ވަރަށް މަދު ތަނެއްކަން ފާހަގަކުރެވުނު ކަމަށާއި، އެކަން އެހެން އޮތުމުގެ ސަބަބުން އީޕީއޭގެ ނިންމުންތައް އެންވަޔަރަމަންޓް މިނިސްޓްރީގައި ހުންނަ ވަކިވަކި ޑިޕާޓްމަންޓުތަކަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހޭ ކަން ފާހަގަކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުގެ ވިސްނުމުގައި މިހާރު އަދި އީޕީއޭ ސްޓާފުންގެ ވިސްނުމުގައި ވެސް އެންމެ ބޮޑު އެއް ކަމަކީ އޮޕަރޭޝަނަލް އިންޑެޕެންޑެންސް ލިބެން އެބަ ޖެހެޔޭ. އެވިޑެންސް ބޭސްޑް ޑިޒިޝަން މޭކިން އަށް. އީއައިއޭގެ ޑިޒިޝަންތައް ވެސް ނިންމުމަކަށް އީޕީއޭ އަކުން ބަރޯސާ ވާކަށް ނުޖެހޭ މިނިސްޓްރީގެ ސްޓާފުންނަށް އަދި މިނިސްޓްރީގެ ވަކި ވަކި ޑިޕާޓްމަންޓްތަކަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން އީޕީއޭގެ ނިންމުންތައް އިސްތިއުނާފު ކުރުމުގެ މަރުހަލާ އިތުރަށް ހަރުދަނާކުރަންޖެހޭކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އީއައިއޭ ރިޕޯޓު ހެދުމާ ގުޅޭ ގަވައިދު އޮތް ގޮތުން، މަޝްރޫއަކުން ކިތަންމެ ގެއްލުންވިޔަސް، އީޕީއޭއިން ދެކޮޅު ހެދިޔަސް ސަރުކާރުން ބޭނުން ނަމަ އެ މަޝްރޫއެއް ކުރިއަށް ގެންދެވޭނެ އެވެ. އެއީ އީޕީއޭގެ ނިންމުން މިނިސްޓަރަށް ބާތިލުކުރެވޭތީ އެވެ.
އީއައިއޭ ގަވައިދުގެ 15 ވަނަ މާއްދާގެ (ރ)ގައިވާ ގޮތުން އެ ނިންމުމެއް އިސްތިއުނާފު ކުރަަން ހުށަހަޅަން ޖެހޭނީ އެންވަޔަރަމެންޓް މިނިސްޓަރަށެވެ. އިސްތިއުނާފު ކުރި ސަބަބުތައް ތަހުގީގު ކުރުމަށް، މިނިސްޓަރު ބޭނުން އެންވަޔަރަމެންޓް މިނިސްޓްރީގެ އޮފިޝަލަކު ކަނޑައެޅޭނެ އެވެ. އަދި އެ ތަހުގީގަށް ފަހު އީޕީއޭގެ ނިންމުން ދަމަހައްޓާނީތޯ ނުވަތަ އެ ނިންމުން ބަދަލުކުރާނީތޯ މިނިސްޓަރަށް ކަނޑައެޅޭނެ އެވެ.
"އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑުގެ ލީޑަޝިޕްގެ ދަށުން އިރާދަކުރެއްވިއްޔާ އީޕީއޭ ވިލް ހޭވް އޮޕަރޭޝަނަލް އިންޑެޕެންޑެންސް. އަދި މި ދެންނެވި އެޕީލް ޕްރޮސެސްގަ މި ހުންނަ ކަންތައްތަކާ ގުޅޭގޮތުން، އިންސާފުވެރިކޮށް އަދި ޓްރާންސްޕޭރެންޓްކޮށް އެކަންތައްތައް ހައްލު ކުރެވޭނެ ގޮތްތަކެއް ކަނޑައެޅުން. އަޅުގަނޑަށް މާނަކުރެވެނީ މިނިވަން މުއައްސަސާއެއް އަލުން އަނެއްކާ އުފެއްދުމަށް ވުރެ ބޮޑަށް، މި ދެންނެވި ކަންކަން ހައްލުކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ސަރުކާރުން މިހާރު އީޕީއޭގެ ގަވަނިން ބޯޑެއް އެކުލަވާލާފައިވާ ކަމަށާއި އެ ގަވަނިން ބޯޑުގެ ޒިންމާތަކުގެ ތެރޭގައި އީޕީއޭގެ ހިންގުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކެއް ވެސް ކަނޑައެޅިފައި ވާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.
"އެހެންވީމަ އަލްޓިމޭޓްލީ ގަވަނިން ބޯޑަކުން ގަވާން ކުރެވިފަ އަދި އެޕީލް ޕްރޮސެސް ޓްރާންސްޕޭރެންޓް ކުރެވޭނެ ގޮތެއް އޮތުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އޮޕަރޭޝަނަލް އިންޑެޕެންޑެންސްއަށް ވެސް އަދި އޯވަރޯލް ގަވަނަންސް އަށް ވެސް ލިބިގެންދާނެ ހަރުދަނާ ކަމެއް،" ޝައުވާ ވިދާޅުވި އެވެ.
ސަރުކާރުގެ ވިސްނުމަކީ އީޕީއޭ އަކީ މިނިވަން މުއައްސަސާއަކަށް ހެދުމަށް ވުރެ ބޮޑަށް، އީޕީއޭ އަށް އޮޕަރޭޝަނަލް މިނިވަންކަން ދިނުން ކަމަށް ޝައުނާ ވިދާޅުވުމުން، އެ ޕެނަލްގައި ތިއްބެވި ތިމާވެށްޓާ ގުޅުންހުރި މަސައްކަތްކުރައްވާ އެހެން ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އިކޯކެއާ މޯލްޑިވްގެ އެޑްވޮކެސީ ޑިރެކްޓަރު މައީދް ޒާހިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު، ސެޕްޓެމްބަރު 2018 ގައި އެމަނިކުފާނާއެކު ބޭއްވި ބައްދަލުވުމުގައި އީޕީއޭ އަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހެދުމުގެ މަޝްވަރާތައް ކުރެއްވި ކަމަށެވެ.
"އޭރު އަޅުގަނޑުމެން މާނަކުރީ މިނިވަން މުއައްސަސާއެއްގެ ވާހަކަ. އޭރު [ރައީސް ސޯލިހު] ދެންނެވީ މިނިވަން މުއައްސަސާއެއް އޮންނާނޭ. އަޅުގަނޑުމެން ގާތު ދެންނެވި،" މައީދު ވިދާޅުވި އެވެ.
މައީދު ވިދާޅުވީ އޭގެ ފަހުން ކުރީގެ ތިމާވެށި ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަނާއެކު ވެސް އެ މަޝްވަރާތައް ކުރިއަށް ގެންދަން އެކި ގޮތަށް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އީޕީއޭ އަކީ މިނިވަންތަނެއްގެ ގޮތުގައި ހެދުމުގެ ވިސްނުމެއް ނެތްކަމަށެވެ. އަދި މިއަދު މިނިސްޓަރު ޝައުނާ ވެސް ވިދާޅުވީ "އޮޕަރޭޝަނަލް އިންޑެޕެންޑެންސް"ގެ ވާހަކަ ކަމަށާއި، ނަމަވެސް އެއީ ހައްލު ނޫން ކަމަށެވެ.
"މާދަމާ އަންނަ ސަރުކާރަކުން ކޮށްފާނެ ކަމަކަށް މިއަދު މި ސަރުކާރުން އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުޖނނކޮށްދޭށެ. އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ދައުލަތުގައި ދިވެހި ސަރުކާރާ ދިވެހިރާއްޖޭގައި ހުރި ވިޔަފާރިތަކާ ޖަވާބުދާރީ ކުރެވޭނެ މުއައްސަސާއެއް އޮންނަން. އެއީ މިނިވަންކަން މަތީގައި ދިވެހިރާއްޖޭގެ މިބުނާ އިގްތިސޯދު ދަހަމައްޓައިދޭނެ މިނިވަން، މިނިވަން ބާރުގަ، މިނިވަންކަން މަތީގަ ދައުވާކޮށް، މިނިވަންކަން މަތީގައި ފިޔަވަޅު އަޅާ، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މި ރާއްޖޭގެ އިގްތިސޯދާ މި ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރާނެ މިނިވަން އީޕީއޭއެއް އޮންނަން. އެއީ ވަރަށް ތަފާތު ވާހަކައެއް. އަޅުގަނޑުމެން މި ދައްކަނީ އެ ވާހަކަ،" މައީދު ވިދާޅުވި އެވެ.
މައީދު ވިދާޅުވީ ދެން އަންނަ ސަރުކާރަކުން ކުރާ ކަމަކުން ހިމާޔަތް ހޯދޭނީ މިއަދު އަޅާ ފިޔަވަޅަކުން ކަމަށެވެ. މައީދުގެ ވާހަކައަށް، ސޭވް މޯލްޑިވްސްގެ ރީސާޗަރު އަދި ވޮލަންޓިއަރު ހުމައިދާ އަބްދުލްޣަފޫރު (ހުމޭ)ވެސް ތާއީދުކުރެއްވި އެވެ.
ހުމޭ ވިދާޅުވީ އީޕީއޭ އަކީ މިނިވަން މުއައްސަސާއަކަށް ހެދުމަށް ވަރަށް ގިނަ ބަޔަކު ރައީސް ސޯލިހުގެ ކިބައިން އެދިވަޑައިގެން ކަމަށާއި އަދި އެކަމަށް ވަރަށް ބޮޑަށް އުންމީދުވެސް ކުރި ކަމަށެވެ. އޭނާ ވިދާޅުވީ އީޕީއޭ މިނިވަން ކުރުމަކީ ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.
"އެހެންވީމަ އީޕީއޭ ހަމައެކަނި އޮޕަރޭޝަނަލް ކުރުމާ މިނިވަން ކުރުމާ މިއީ ވަރަށް ތަފާތު ދެ ކަމެއް،" ހުމޭ ވިދާޅުވި އެވެ.
ހުމޭ ވިދާޅުވީ އީއައިއޭއަށް ބެލުމެއްނެތި، އެއާޕޯޓު އެޅުމަށް ކުޅުދުއްފުށި ސިޓީގެ ކުޅި ހަލާކުކޮށްލުމާއި، ނ. މާފަރު އެއާޕޯޓު ހެދުމުގެ ސަބަބުން އެރަށުގެ ތިމާވެށި އިޔާދަނުކުރެވޭ ވަރަށް ހަލާކުވެގެން ދިއުމަކީ އީޕީއޭ މިނިވަން ނުވުމުގެ ސަބަބުން ރާއްޖޭގައި ހިނގައިދިޔަ ތިމާވެށީގެ ބޮޑު ދެ "ޖަރީމާ" ކަމަށެވެ.
"މިކަހަލަ ކިތައް ހާދިސާއާ ތޯ އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހޭނީ މިނިވަން އީޕީއޭ އެއް ނެތީމަ. އަމިއްލައަށް މީގެ ސައިންސަށް ބަލައި އެވިޑެންސަށް ބަލާފަ އަޅުގަނޑުމެންނަށް މިހާރުގެ ޖީލުތަކަށް، އަދި އަންނަން އޮތް ޖީލުތަކަށް ލިބޭނެ ގެއްލުމަށް ނުބަލާ މިގޮތަށް ޑިޒިޝަން ނެގީމަ، އޯވަރައިޑް ކުރީމަ، ޕޮލިޓިކަލް ޑިޒިޝަން ނެގީމަ ގެއްލުން ލިބެނީ ރައްޔިތުންނަށް،" ހުމޭ ވިދާޅުވި އެވެ.