ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 66 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު 08:07 ގައި މަރުވެފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 124 އަށް އަރައިފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު، ބަލީގައި މީހުން މަރުވާ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އިއްޔެ ވެސް ބަލީގައި ރާއްޖެއިން ތިން މީހަކު މަރުވި އިރު، މި މަހުގެ މިހާތަނަށް ވެސް 51 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

އިއްޔެ ވެސް ރާއްޖެއިން 1960 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. މިވަގުތު ބަލި ޖެހިފައި ތިބި 22،421 މީހުން ތިބި އިރު، އޭގެ ތެރެއިން 294 މީހަކަށް ފަރުވާ ދެމުން އަންނަނީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.