އައްޑޫ ސިޓީގެ ގިނަރަށް ރަށުގެ ކޯޓުތަކާއި ބައެއް ޕޮލިސް ސްޓޭޝަންތަކުގައި އަލިފާންރޯކޮށް އަންދާލި މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން މުޒާހަރާކޮށްފި އެވެ.

މުޒާހަރާ ފަށާފައި ވަނީ މިރޭ 8:15 އެހާކަންހާއިރު ރައްޔިތުންގެ މަޖިލީސް ކުރާ ގެ ކައިރީގަ އެވެ.
މަޖިލީސް މެންބަރު ރަޝީދު ދޫކޮށްލުމަށް ގޮވާލައި މުޒާހަރާ ކުރަންފެށިތާ ގަޑިއެއްހާ އިރު ފަހުން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ސަރުކާރު މުވައްޒަފުންގެ ނާދީ އާއި ދިމާއަށް ފަހަތަށް ޖައްސައިފަ އެވެ. އެ ހިސާބުގައި ގިނައިރުތަކެއް ވަންދެން ޝުއޫރު ފާޅުކުރުމަށް ފަހު ދެން މުޒާހަރާގެ ބައިވެރިން ވީޓީވީ އާ ދިމާލަށް ގޮސް މަޑުކުރިތަނާ ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ފޮނުވައިލައިފަ އެވެ.

ވީޓީވީ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ފޮނުވާލުމާ އެކު މުޒާހަރާގެ ބައިވެރިން ވަނީ ދެ ވަނަ ފަހަރަށް މަޖިލީސް ކުރާގެ ކުރިމައްޗަށް މުޒާހަރާ ބަދަލުކޮށްފަ އެވެ.

މުޒާހަރާ ފެށި އިރު މަޖިލީހުގެ އިދާރާގެ އެތެރޭގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެންބަރުން ވަނީ ހަރަކާތްތެރި ވެފަ އެވެ. އަދި އެބޭފުޅުން ވަނީ މަޖިލީހުގެ ގޯތިތެރޭގައި ތިއްބައިގެން މުޒާހަރާގެ ބައިވެރިންނަށް މުޒާހަރާކުރަންވީ ގޮތުގެ އިރުޝާދުތައް ދެއްވައިފަ އެވެ.

މަޖިލީސް ސަރަހައްދުގައި މުޒާހަރާ ކުރަމުން ދަނިކޮށް ފުލުހުން މުޒާހަރާ ރޫޅާލީ މިރޭ 12:00 ޖެހިތަނާ އެވެ. މިރޭގެ މުޒާހަރާގައި 12 ވަރަކަށް މީހުން ވަނީ އެކިފަހަރުމަތިން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފަ އެވެ.

މުޒާހަރާއަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހިތަދޫ މެދު ދާއިރާގެ މެންބަރު ރަޝީދު ހައްޔަރުކޮށްފައި ވާތީ އެކަން ބައްލަވައިދެއްވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ހުށަހެޅުއްވި ކަމަށާއި ނަމަވެސް އޭނާ ހައްޔަރުކުރެއްވި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށް ޝާހިދު ވިދާޅުވި ކަމަށެވެ.

ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތުދެއްވުމަށް ފަހު ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ފުލުހުން އެ ޕާޓީގެ ގިނަ މަޖިލީސް މެންބަރުތަކެއް ހައްޔަރުކޮށް ޖަލަށްލައި އަނިޔާކުރަމުން ގެންދާ ކަމަށާއި މިއަދު ހަވީރުން ފެށިގެން މަޖިލީހުގެ އިދާރާ ތެރޭގައި ތިއްބެވީ ގާނޫނާ ޚިފަށް ހިތަދޫ މެދު ދާއިރާގެ މެންބަރު ރަޝީދު ހައްޔަރުކުރުމުން ކަމަށާއި އޭނާ ދޫކުރުމުން ނޫނީ މަޖިލީސް ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށެވެ.

ފުލުހުން ބުނީ ހިތަދޫ މެދުދާއިރާގެ މެންބަރު ރަޝީދު ހައްޔަރުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވައިގެން މިދިޔަ ބުދަ ދުވަހު ކުރި މުޒާހަރާއަށް ފަހު އެރޭ އައްޑޫގެ ގިނަ ރަށްތަކެއްގެ ކޯޓާއި ބައެއް ރަށްތަކުގެ ޕޮލިސްޓޭޝަންގައި ހުޅުޖަހައި އަންދާލި މައްސަލައިގެ ތަހުގީގަށް ކަމަށެވެ.

މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރާ މީހުންގެ ހައްގަކަށް އުނިކަން ލިބޭ ފަދަ އެއްވެސް ކަމެއް ހިނގާތޯ ބައްލަވައި ދެއްވުމަށް، ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވަނީ، ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަންގައި އެދިވަޑައިގެންފަ އެވެ.