ބްރެޒީލިއާ (މެއި 23): ބްރެޒިލްގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ އާއްމު ސިއްހަތާ ބެހޭ ގަވާއިދުތަކާ ރައީސް ޖައިރު ބޮލްސޮނާރޯ ހިލާފުވުމުން އޭނާ ޖޫރިމަނާކޮށްފި އެވެ.

ބްރެޒިލްގެ މަރަންޔާއޯ ސްޓޭޓުގެ ގަވަރުނަރު ފްލާވިއޯ ޑީނޯ ވިދާޅުވި ގޮތުގައި ބޮލްސޮނާރޯއާ ޖޫރިމަނާ ކުރީ އޭނާ ކޮވިޑާ ގުޅުން ހުރި ފިޔަވަޅުތަކާ ހިލާފަށް އެ ސްޓޭޓުގައި އެއްވުމެއް ބޭއްވުމުންނެވެ.

"[ރައީސް ޖޫރިމަނާ ކުރީ] ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ މަރަންޔާއޯގައި އެއްވުންތައް ބާއްވަން ހިތްވަރު ދިނުމުން. އެންމެންވެސް ގާނޫނަށް ތަބާވާން ޖެހޭ،" ޑީނޯ ވިދާޅުވި އެވެ.

އެ ޖޫރިމަނާ އިސްތިއުނާފަށް ހުށަހެޅުމަށް ރައީސް އޮފީހަށް 15 ދުވަސް ލިބޭނެ އެވެ. އަދި ބޮލްސޮނާރޯ ޖޫރިމަނާ ކުރާނެ އަދަދު ކަނޑައަޅާނީ އެއަށް ފަހު އެވެ.

ކޮވިޑް-19އަކީ އާދައިގެ ބައްޔެއް ކަމަށް ވިދާޅުވެ، ބަލި ކޮންޓްރޯލް ކުރުމަށް ގައުމު ފުރަބަންދު ކުރުމަށް ދެކޮޅު ހައްދަވާފައިވާ ބޮލްސޮނާރޯއަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފަ އެވެ. އެގައުމުގައި މިހާތަނަށް 16 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 446،000އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި އެގައުމުގައި ވައިރަހުގެ އިތުރު ރާޅެއް ފެތުރިދާނެ ކަމުގެ ބިރު އޮތް ކަމަށް ސިއްހީ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ މަހު ބްރެޒިލްގެ ސެނެޓުން ވަނީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ބޮލްސޮނާރޯގެ ސަރުކާރުން އަމަލު ކުރި ގޮތުގެ ތަހުގީގެއް ފަށާފަ އެވެ. އަދި އެ ތަހުގީގުގައި ސެނެޓަރަކު ވަނީ ރައީސް އެއްވެސް އިރެއްގައި ވެކްސިން ގަންނަން ބޭނުންފުޅު ނުވާ ކަމަށާއި އޭނާގެ އަމާޒަކަށްވީ ހާޑް އިމިއުނިޓީއަށް ވާސިލުވުން ކަމަށް ވިދާޅުވެފަ އެވެ.

ބްރެޒިލްއިން ވަނީ ޗައިނާގެ ސައިނޯވެކް އާއި އިނގިރޭސިވިލާތުގެ އެސްޓްރާޒެނެކާ ވެކްސިންއަށް މިދިޔަ ޖެނުއަރީ މަހު ހުއްދަ ދީފަ އެވެ. ނަމަވެސް އެގައުމުގެ 211 މިލިއަން މީހުންގެ އާބާދީގެ ތެރެއިން މިހާތަނަށް ވެކްސިން ޖަހާފައި ވަނީ 18 ޕަސެންޓު މީހުންނަށެވެ. އޭގެ ތެރެއިން ދެ ޑޯޒް ޖަހާފައި ވަނީ 8.6 ޕަސެންޓަށެވެ.