22 May 2021, 22:10
މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2،000އާ ގާތްކޮށްފި އެވެ. މާލެ ސިޓީން އެކަނި 1،500އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާ ގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ 6،333 ސާމްޕަލްއިން މިއަދު ޕޮޒިޓިވްވެފައި ވަނީ، 1،960 މީހުންނެވެ. އޭގެ ތެރެއިން މާލެ ސިޓީން ޕޮޒިޓިވްވެފައި ވަނީ، 1،518 އެވެ. ރަށްރަށުން 431 މީހަކު ޕޮޒިޓިވްވި އިރު، ރިސޯޓުތަކުން 11 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
މިއަދު 2،000 އާ ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓީވްވިއިރު، މިއީ އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާބަލާއިރު، 357 ކޭސްގެ އިތުރުވުމެކެވެ. އިއްޔެ 6،320 ސާމްޕަލްއިން ޕޮޒިޓިވްވެފައި ވަނީ 1،603 މީހުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން 54،300 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ބަލިން ފަސޭހަވެފައި ވަނީ 31،812 މީހުންނެވެ. ބަލި ޖެހިފައި އަދިވެސް 22،421 މީހުން އެބަ ތިބި އެވެ. އޭގެ ތެރެއިން 294 މީހަކަށް ފަރުވާ ދެމުން އަންނަނީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
ބަލީގައި ޖުމްލަ 123 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި މިއަދު މަރުވި ތިން މީހުން ހިމެނެ އެވެ.