22 May 2021, 20:47
ދަރިވަރުންގެ އެތައް ކަންބޮޑުވުންތަކެއް ހުރި، އައްޑޫ ފްލައިން ސްކޫލްގެ ޓްރެއިންގް ހެޑް ސުރަންޖަން ޑި ސިލްވާ އަށް ދޫކޮށްފައިވާ ހުއްދަ ސަރުކާރުން އަތުލަން ނިންމައިފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، ޑިސިލްވާ އެ މަގާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މާދަމާ އިން ފެށިގެން އަތުލުމަށް ނިންމާފައިވާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، ފްލައިން ސްކޫލްގެ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ނުކުރެވޭނަމަ، ސްކޫލްގެ އެކައުންޓަބަލް މެނޭޖަރުގެ މަގާމުގައި ހުރި އަލީ އަކުބަރު ޖީވަންޖީ އެ މަގާމުގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަވެސް އަތުލާނެ ކަމުގެ އެންމެ ފަހުގެ އިންޒާރު ސިވިލް އޭވިއޭޝަން އޮތިރީޓީން ލިޔުމުން ދީފައިވާ ކަމަށެވެ.
އެ ސްކޫލްގެ އިސް ދެ މީހަކަށް އަށް ފިޔަވަޅު އަަޅަން ނިންމީ، އެ ސްކޫލްގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށާއި ކޯސް ފުރިހަމަ ކުރުމަށް ބުރޫ އަރާފައިވާ ދަރިވަަރުންގެ ކޯސްތައް އެދެވޭ ގޮތެއްގައި ކުުރިއަށް ގެންދިޔުމަށް ފްލައިން ސްކޫލްގެ މެނޭޖްމަންޓުން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާކުރަމުން ނުދާތީ، ސިވިލް އޭވިއޭޝަނުން އެ މައްސަލަ ބެލުމަށްފަހު ކަމަށް ބަޔާނުގައި ބުންޏެވެ.
ފްލައިން ސްކޫލްގެ ހިންގުން ދޯދިޔާވެ ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ކޯސް ދިގުދަންމާލަމުންދާތީ އެ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.
ފްލައިން ސްކޫލް ހިންގާ އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ އިސް ދެ މީހަކަށް ފިޔަވަޅު އެޅިކަން މިނިސްޓްރީން ހަމަ ކުރި އިރު، އެ ދެ ބޭފުޅުންނާމެދު ފިޔަވަޅު އެޅުމަށް ރައީސް ސޯލިހް މިމަހު 11 ވަނަ ދުވަހު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ އަންގަވާފައެވެ.
ހަމައެއާއެކު ފްލައިން ސްކޫލުގެ މައްސަލަތައް ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން ފަރާތަކުން އޮޑިޓެއް ހަދައި، މިކަމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވާނަމަ އިހުމާލުވި ފަރާތްތަތާ މެދު ފިޔަވަޅު އަޅަން ވެސް ރައީސް ވަނީ އަންގައިފަ އެވެ.
އޭގެ އިތުރުން އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނަގާފައިވާ ދަރިވަރުންގެ ލޯނު މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔާ އެޑީއުކޭޝަން އިން ދޫކުރާ ލޯނުތަކަށް ބަދަލުކުރަން، ފިނޭންސް މިނިސްޓްރީއަށް ވެސް ރައީސް ވަނީ އަންގަވައިފަ އެވެ.