މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މާލެ މަގުމަތިން އަންހެނަކު ކިޑްނެޕްކޮށް، އެމީހާ ގޯޅި ގަނޑެއްގެ ތެރެއަށް ވައްދައި ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ ދެ މީހުން ބަންދުން ދޫކޮށްލައިފި އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ކުށުގެ ވެށިން ދެ ފިރިހެނުން ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިފައި ހައްޔަރުކޮށްފައި ވަނީ ވިނަރެސް، ހދ. ނޭކުރެންދޫ، އާދަމް ވިޝާން (18) އަދި މިލާފަރު، ހދ. ވައިކަރަދޫ، އަލީ ރަޝީދު (23) އެވެ. އެ ދެމީހުންގެ މައްޗަށް ކުރަނީ މާރާމާރީ އާއި ކިޑްނެޕް އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތެވެ.

އެމީހުން ދޫކޮށްލީ އެކި ފަހަރު މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު، މި މަހުގެ 19 ވަނަ ދުވަހު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ ދެމީހުން ދޫކޮށްލީ، ޝަރުތުކޮށް ދެމީހުން ބަންދުން ދޫކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުން ކަމަށެވެ. އަދި ޕީޖީން އެގޮތަށް އެދުމުން، ފުލުހުން ފޯމުގައި އެދިފައިވާ ސްޓޭންޑް ބަދަލުކޮށް، ޝަރުތުކޮށް ދެމީހުން ބަންދުން ދޫކޮށްލަން ވަނީ އެދިފަ އެވެ.

އާދަމް ވިޝާން ބަންދުން ދޫކޮށްލަން އަމުރުކުރީ، އޭނާގެ މައްޗަށް ތަހުގީގު ފުރިހަމަކުރުމަށްފަހު، ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކުރުމަށް ފަހު ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލަން ޕީޖީން އެދިފައިވާތީ ކަމަށް ކޯޓު އަމުރުގައި ބުނެ އެވެ.

އަލީ ރަޝީދު ދޫކޮށްލަން ކުރި އަމުރުގައި ބުނެފައިވަނީ އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ޝަރުތުކޮށް ދޫކޮށްލަނީ ކަމަށެވެ. އަލީ ރަޝީދު ބަންދުގައި ހުއްޓާ އޭނާ ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެގެން އެކަހެރި ކޮށްފަ އެވެ. އެހެންކަމުން އޭނާ ބަންދުން ދޫކޮށްލަން އަމުރުކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.

މެއި މަހުގެ ދެވަނަ ދުވަހު ބޭއްވި މުއްދަތު މަޖިލީހުގައި ކޯޓުން ބުނެފައި ވަނީ މައްސަަލައިގައި ފުލުހުން ކޮށްފައިވާ ތުހުމަތުތަކަކީ، މައްސަލައިގެ "ފެކްޓްސް" އަށް ބަލާއިރު، އެންމެ އެކަށޭނަ ތުހުމަތުތަކެއް ކަމަށް ނުބެލެވޭ ކަމަށެވެ.

އަންހެން މީހާއަށް އަނިޔާކޮށްފައި ވަނީ އޭނާ ބޮޑު އޮޕަރޭޝަނެއް ކުރިތާ މާގިނަ ދުވަހެއް ނުވަނީސް ކަމަށާއި، އެކަމަކީ އޭނާގެ ފުރާނައަށް ނުރައްކާވާފަދަ ނުވަތަ އޭނާއަށް ބޮޑު ގެއްލުންތަކެއް ލިބިދާނެ ފަދަ އަމަލުތަކެއް ކަމަށް ޕީޖީ އޮފީހުން އެދުވަހު ބުނެފައިވެ އެވެ.

މައްސަލާގައި ހައްޔަރުކުރި އުމުރުން 18 އަހަރުގެ މީހާއަކީ މީގެކުރިން ހައްޔަރުގެ ތިން ރެކޯޑެއް އޮތް މީހެކެވެ. ދެވަނަ މީހާގެ ހައްޔަރުގެ ހަތަރު ރެކޯޑު އެބަ އޮތެވެ.

އެ ހާދިސާ ހިނގާފައި ވަނީ އޭޕްރީލް 16 ވަނަ ދުވަހުގެ ރޭ، މާފަންނު ހަނދުވަރީހިނގުމުގައެވެ. އަންހެން މީހާ ގަދަކަމުން ދަމާފައި ގޯޅިއަށް ވައްދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުވެފައި ވެއެވެ.