12 Feb 2012, 20:47
ޖޭއެސްސީގެ މެންބަރު ކަމަށް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ހަމަޖައްސަވައިފި އެވެ.
އެ ކޮމިޝަންގެ މެންބަރު ކަމަށް އާޒިމާ ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ހ) އާއި، ޖޭއެސްސީގެ ގާނޫނުގެ 37 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ވ) އާއި، ޖޭއެސްސީގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ނުވަ ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ނެވެ. ޖޭއެސްސީގެ މެންބަރު ކަމަށް ޢާޒިމާ ހަމަޖެއްސެވި ކަމުގެ ލިޔުން، އެކަމަނާއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ކުރިމަތީގައި ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާ، ޢާޒިމާ ކުރެއްވިއެވެ.