22 May 2021, 20:05
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ފްރަންޓްލައިން ގައި މަސައްކަތްކުރާ ފަރާތްތަކަށް އެކޮމަޑޭޝަން ހޯދުމަށް އިއުލާނު ކޮށްފި އެވެ.
ހެލްތު މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ އެކޮމަޑޭޝަން ދިނުމަށް ހުށަހަޅާ ހޮޓާ/ ގެސްޓްހައުސްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭނީ އެންމެ ގިނަ އަދަދެއްގެ ކޮޓަރި ހުށަހަޅާ ފަރާތަށް ކަމަށެވެ.
އެކޮމަޑޭޝަން ހަމަޖައްސައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، 23 މެއި ގެ ކުރިން ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަކުރުމަށްފަހު، ރެޖިސްޓްރީވާން ވަނީ އެދިފަ އެވެ. އަދި އެ ފަރާތްތަކުން ބިޑް ހުށަހެޅުން އޮންނާނީ ޖޫން ދެ ވަނަ ދުވަހު ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓްރީ އިން ބުނީ ހެސްޓްހައުސް/ހޮޓާތަކުން އަންދާސީ ހިސާބު ހުށަހަޅާއިރު، އެތަނަކުން ދޫކުރެވޭނެ ކޮޓަރީގެ އަދަދު، ޑަބަލް ރޫމްގެ ތަފްސީލު އެނގޭނެހެން ހުށަހަޅަން ވާނެ ކަމަށެވެ.
މިނިސްޓްރީގެ ފަރާތުން ދުވާލަކަށް ކަނޑައަޅާފައިވާ ރޭޓުތައް:
ސިންގަލް ރޫމް (ލޯންޑްރީ އާއެކު) 700 ރުފިޔާ
- ރޫމް އޮންލީ 500 ރުފިޔާ
- ފުލްބޯރޑް 850 ރުފިޔާ
- ފުލްބޯރޑް ޝެއަރިން 1،000 ރުފިޔާ
- ޑަބަލް ރޫމް(ލޯންޑްރީ އާއެކު) 800 ރުފިޔާ
ދުވާލަކު ކޮޓަރި އަކަށް 1.5 ލީޓަރުގެ ދެ ފެންފުޅި ފޯރުކޮށްދޭން ވާނެ ކަމަށް މިނިސްޓްރީގެ މައުލޫމާތު ކަރުދާހުގައި ވެއެވެ.
މީގެ އިތުރުން ތިން އިރުގެ ކެއުންް ދުވާލަކަށް ބޮލަކަށް ޖެހޭނެ އަގުވެސް ހުށަހަޅަން ވާނެ ކަމަށާއި އެގޮތަށް ރޭޓު ކަނޑައެޅި ނަމަވެސް، ކެއުމަށް ކަނޑައަޅާފައިވާ އަގު، އެގްރިމެންޓު ކުރެވޭ ފަރާތަށް ދޭނީ އެދުވަހަކަށް ކާންދޭ މީހުންގެ އަދަދުން ކަމަށް ބުނެފައި ވެއެވެ.
ފްރަންޓްލައިން މަސައްކަތްތެރިންނަށް އެކޮމަޑޭޝަން ހޯދަން އިއުލާނުކޮށްފައި މިވަނީ ކޮވިޑް19 ފެތުރޭ މިންވަރު އިތުރުވެފައި ވަނިކޮށެވެ. ފްރަންޓްލައިން މަސައްކަތްތެރިންނަށް ބަލި ޖެހުމުގެ ރިސްކު ބޮޑުއިރު އެމީހުން މަސައްކަތް ނިންމުމަށްފަހު އެނބުރި ގެއަށްދާއިރު ގޭގައި އުޅޭ އެހެން މީހުން ބައްޔަށް ހުށަހެޅުމުގެ ފުރުސަތުވެސް ބޮޑެވެ.