22 May 2021, 11:56
މާލޭ ސިޓީގެ މަގުތައް ދޮވެ، ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މިއަދު މާރުކޭޓު ސަރަހައްދުން އެ މަސައްކަތް ފައްޓަވައިދެއްވީ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
މާލޭގެ މަގުތައް ދޮވެ، ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ މާލޭގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދަނިކޮށެވެ. މީގެ ކުރިން، ކޮވިޑް ފުރަތަމަ ފެތުރެން ފެށިއިރު، ސިޓީ ކައުންސިލުން ވަނީ މާލެ ސަރަހައްދުގެ މަގުތައް ޑިސްއިންފެކްޓުކޮށްފައެވެ.
މާލޭގެ މަގުތައް ޑިސްއިންފެކްޓު ކުރަން މިއަދު ފެށިއިރު، ހުޅުމާލެ އާއި ވިލިމާލޭގެ މަގުތައް ވެސް ޑިސްއިންފެކްޓު ކުރާނެ އެވެ.
މޭ 22، 2021: މާލޭ ސިޓީ ކައުންސިލުގެ ފަރާތުން މާލޭގެ މަގުތައް ޑިސްއިންފެކްޓުކުރަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު މާލޭ ސިޓީގައި ރަނގަޅު ކުރަންހުރި ކަންތައްތައް ބައްލަވައި ރައްޔިތުންގެ އަޑު އެއްސެވުމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ދަނީ ރައްޔިތުންނާ ގާތަށް ވަޑައިގަންނަވަމުންނެވެ. އިއްޔެ ވަނީ މާރުކޭޓު ސަރަހައްދަށް ވަޑައިގެން ދަތުރުވެރިިންގެ މާރުކޭޓާއި މަސް މާރުކޭޓު އަދި ލޯކަލް މާރުކޭޓުގައި މަސައްކަތްކުރާ މީހުންނާވެސް ބައްދަލު ކުރައްވައިފަ އެވެ.