12 Feb 2012, 17:55
ނ. އަތޮޅު ތެރޭގައި ދަތުރުކުރާ ފެރީގެ އިންޖީނު ސުޓާޓް ނުވެގެން ނުފުރި ތިން ގަޑިއިރަށް ވުރެ ގިނަ އިރު އޮތުމަށް ފަހު ދަތުރުވެރިން ދެ ލޯންޗެއްގައި ފުރުވާލައިފި އެވެ.
ބާރަ ރަށް ހިމެނޭ ނ. އަތޮޅުގައި ދުއްވާ ދެ ފެރީ އެ އަތޮޅުގައި އޮޕަރޭޓް ކުރަމުން އަންނަނީ ދެ ބިތައް ދަތުރުތައް ބަހާލައިގެނެވެ.
ނ. އަތޮޅު ކައުންސިލުން ބުނީ މިއަދު ހެނދުނު 9:00 ޖެހި އިރު މިލަދޫން ފުރައިގެން މަނަދުއަށް ދިޔަ ފެރީ ފުރަން ހަމަޖެހިފައި އޮތީ 1:30ގައި ކަމަށެވެ. އަދި ގިނަ އަދަދެއްގެ ކުޑަކުދިންނާއި މާބަނޑު މީހުން ތިބި ފެރީ ނުފުރި އެ ރަށު ތިން ގަޑިއިރު އޮތުމަށް ފަހު، މީހުންތައް ފޮނުވާލާފައި ވަނީ ފެރީ އޮޕަރޭޓްކުރާ ކުންފުނިން ގެނައި ދެ ލޯންޗެއްގަ އެވެ.
އެ އަތޮޅު މިލަދޫން ވާހަކަ ދެއްކެވި މުހައްމަދު އަބޫބަކުރު ބުނީ އެމީހުން މިލަދޫން ފެރީގައި މަނަދޫއަށް ގޮސްފައި ވަނީ ހެނދުނު ގަޑީގައި އޮންނަ ބުރުގައި ކަމަށާއި އަދި މަނަދޫން ފުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ފެރީ ސްޓާޓް ނުވީ ކަމަށެވެ.
އޭނާ ބުނީ މަނަދޫގެ ޕޮލިހުންނަށާއި އަތޮޅު ކައުންސިލަށް ވެސް އެ މައްސަލަ ހުށަހަޅަން އެދުނު ކަމަށާއި ނަމަވެސް އެބޭފުޅުން އެކަމާ އަޅާނުލި ކަމަށެވެ. އަދި ފެރީން ނުފުރި ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި އަންހެނުން ބަނދަރުމަތީގައި ތިބި އިރު، ބޯނެ ފެންފޮދެއް ވެސް ފެރީން ނުދިން ކަމަށް މުހައްމަދު ބުންޏެވެ.
"އަޅުނގަޑުމެން ބުނިން ޕޮލިހުންނަށާއި އަތޮޅު އޮފީހަށް ވެސް އަންގަން. އެކަމަކު އެމީހުން އަޅައެއް ނުލި. ފެރީގައި ގާތްގަނޑަކަށް 50-40 ވަރަކަށް މީހުން ތިބި. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނާއި މާބަނޑުމީހުން ވެސް ތިބި. އެމީހުން އަޅުނގަޑުމެން ނުފުރިގެން ގަދަ ހޫނުގައި ބަނދަރުމަތީގައި ތިބި އިރު ވެސް ބޯނެ ފެން ފޮދެއް ވެސް ނުދިން،" އޭނާ ވިދާޅުވި އެވެ.
މުހަމަދު ބުނީ އެ ތަނަށް ގެންދިޔަ ދެ ލޯންޗުން މީހުން އަރުވައިގެން ގެންދިޔައީ ލޯންޗުގެ ޖާގައަށް ވުރެ އިތުރަށް ކަމަށެވެ.
އެކަމާ ގުޅިގެން ދޯނީގެ ވެރިފަރާތުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ސަން އޮންލައިންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިން ނ. އަތޮޅުގެ ރަށްތަކަށް ކޮންމެ ދުވަހަކު ދަތުރުތައް ހަމަޖެހިފައި އޮވެ އެވެ. ނަމަވެސް މިހާރު އެ އަތޮޅުގެ ރަށްތަކަށް ދަތުރުކުރާ އެއް ފެރީ އެހެލާފައި އޮތުމުން އެ އަތޮޅުގެ މީހުންނަށް ދަތުރުތައް ކުރެވެނީ ދެ ދުވަހުން އެއް ދުވަހު އެވެ.