22 May 2021, 00:13
ހުޅުމާލޭގައި ޒަހަމްތަކަކާއެކު މަގުމައްޗަށް ވެއްޓިފައިވާ އޮތް މީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ހުޅުމާލޭ، ނިރޮޅުމަހު ހަ ނަންބަރު ގޯޅީގައި ޒަހަމްތަތަކާއެކު ވެއްޓިފައި އޮއްވާ ފެނުނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، ހުކުރު ދުވަހުގެ ދަންވަރު 3:00ގައި އެވެ.
ފުލުހުން ބުނީ، އެމީހާ އަޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރު އެމީހާގެ ހޭވެރިކަން ނެތް ކަމަށްވެސް ފުލުހުން ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ، އެކަމުގެ ތަފްސީލެއް ހޯދުމަށްފަހު މައުލޫމާތު އަރުވާނެ ކަމަށެވެ. އަދި މިހާތަނަށް އެ ހޮސްޕިޓަލުން އެކަމާ ގުޅޭ ތަފްސީލެއް ނުދެ އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތީވެ، ތަހުގީހަށް އަދި އެނާއާ ސުވާލެއް ނުކުރެ އެވެ.
ހުޅުމާލެ އިމާރާތުން ވަރަށް ގިނަ ލޭތަކާއެކު ވެއްޓިފައި އޮތް މީހެއްގެ ވީޑިއޯ މިހާރު ދަނީ ދައުރުވަމުންނެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އެ ވީޑިއޯއިން ފެންނަ މީހަކީ އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުންދާ 21 އަހަރުގެ މީހާއެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، އޭނާގެ ގައިން ވަރަށް ގިނައިން ލޭ ވަނީ ފައިބާފައެވެ. ބޮކްސާގައި އޮތް އެ މީހާ ފުލުހުންނާއި ސިއްހީ ހިދުމަތްތެރިންގެ އެހީތެރިކަމާއެކު ސްޓްރެޗާއަށް އަރުވާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.
އޭނާ އެ އިމާރާތުން ބަޔަކު ވައްޓާލީ ކަމެއް ނުވަތަ އަމިއްލައަށް ފުއްމާލީކަމެއް އަދި ސާފެއް ނުވެ އެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.