ފަސް މިނިސްޓްރީއެއް ވަގުތީގޮތުން ހިންގެވުން ފަސް ވަޒީރަކާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަން މިއަދު ޙަވާލުކުރައްވައިފި އެވެ.

މިނިސްޓަރުން އައްޔަން ނުކުރައްވާ ފަސް ވުޒާރާ ކަމުގައިވާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓުގެ އިތުރުން ފިޝަރީޒް އެންޑް އެގްރިކަލްޗާ ހިންގެވުމަށް ފަސް ވަޒީރަކާ ހަވާލު ކުރެއްވީ އެ ވުޒާރާތަކަށް ވަޒީރުން އައްޔަން ކުރަންވަންދެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ހިންގެވުން ޙަވާލުކުރެއްވީ، މިނިސްޓަރު އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރު އަޙްމަދު ޖަމްޝީދު މުޙަންމަދާ އެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ހިންގެވުން ޙަވާލުކުރެއްވީ، މިނިސްޓަރު އޮފް އެޑިޔުކޭޝަން ޑޮކްޓަރު ޢާޞިމް އަޙްމަދާ އެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިންގެވުން، މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަޙްމަދު މުޙަންމަދާ (އައްޑޭ) އެވެ. މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓް ހިންގެވުން ޙަވާލުކުރެއްވީ، މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ޑޮކްޓަރު އަޙްމަދު ޝަމްހީދާއެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރު ހިންގެވުން، މިނިސްޓަރު އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާ އަޙްމަދު އަދީބް ޢަބްދުލްޣަފޫރާ އެވެ.