22 May 2021, 10:21
ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އެންމެންގެ ވެސް ފޭވަރިޓް "ފްރެންޑްސް"ގެ ރީޔޫނިއަން އެޕިސޯޑުގެ ރަސްމީ ޓްރެއިލާ ދައްކާލައިފިއެވެ.
މި މަހު 27 ވަނަ ދުވަހު އެޗްބީއޯ މެކްސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ހާއްސަ އެޕިސޯޑުގެ ޓްރެއިލާއިން ފެނިގެންދަނީ ކުރީގެ ބައެއްއެޕިސޯޑުތައް ރީކްރިއޭޓް ކުރާ މަންޒަރެވެ. އަދި ފްރެންޑްސްގެ ޑައިލޮގްތަކަށް އަލުން އެކްޓް ކުރާ މަންޒަރުވެސް ޓްރެއިލާ އިން ފެނިގެންދިޔައެވެ.
މި ޓްރެއިލާ އަށް މިހާތަނަށް 12 މިލިއަން ވިއުސް ލިބިފައިވާއިރު ގިނަ ބަޔަކު އަންނަނީ މި ޓްރެއިލާ އަށް ތައުރީފްކުރަމުންނެވެ. އަދި ޓްރެއިލާ ބަލަމުން ދިޔައިރު އުފަލުން ރޮވުނު ކަމަށްވެސް ބައެއް މީހުން ބުނެއެވެ.
ޝޯގެ ލީޑް އެކްޓަރުންނަކީ ޖެނިފާ އެނިސްޓަން، ކޯޓްނީ ކޮކްސް، ލީސާ ކުޑްރޯ، މެޓް ލެބްލޮންކް، މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ އެވެ. އެކުގައި ދިރިއުޅޭ ހަ ރަހުމަތްތެރިންގެ ދިރިއުޅުން ދައްކުވައިދޭ އެ ސީރީޒްގައި ހުރިހާ ރަހަތަކެއް އެކުލެވިގެންވެ އެވެ.
ޖުމްލަ 10 ސީޒަން ދައްކާފައިވާ ފްރެންޑްސް ދައްކާފައި ވަނީ 1994 އިން 2004 އަށެވެ.