މިއަދުވެސް އެތަށް ބަޔަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެ، ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 21،000 ހުރަސްކޮށްފި އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދު 1،603 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، މާލެ ސިޓީން ޕޮޒިޓިވްވި 1،025 މީހަކާއި ރަށްރަށުން ޕޮޒިޓިވްވީ 571 މީހެކެވެ. މިއީ، 24 ގަޑި އިރުގެ 6،320 ސާމްޕަލްތަކުގެ ނަތީޖާއިން އެވެ.

މިއަދު 1،600އަށްވުރެ ގިނަ މީހުން ޕޮޒިޓީވްވިއިރު، މިއީ އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާބަލާއިރު، 591 ކޭސްގެ މަދުވުމެކެވެ. އިއްޔެ 7،259 ސާމްޕަލްއިން ޕޮޒިޓިވްވެފައި ވަނީ 2،194 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން 52،400އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ބަލިން ފަސޭހަވެފައި ވަނީ 31،197 މީހުންނެވެ. ބަލި ޖެހިގައި އަދިވެސް 21،070 މީހުން އެބަ ތިބި އެވެ. އޭގެ ތެރެއިން 286 މީހަކަށް ފަރުވާ ދެމުން އަންނަނީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ބަލީގައި ޖުމްލަ 120 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި މިއަދު މަރުވި ހަތަރު މީހުން ހިމެނެ އެވެ.