21 May 2021, 20:16
ޣައްޒާ (21 މޭ 2021) : އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގި ލާއިންސާނީ އުދުވާން، މުޖާހިދުންގެ ޖަމާއަތް ބަލިނުކުރެވި ހުއްޓާލަން ޖެހުމުން އިސްރާއީލު މައިތިރިވެ އެގައުމުގެ އެތެރެއިން ބޮޑުވަޒީރު ނަތަންޔާހޫއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
އިސްރާއީލުގެ ކަނާތުފިޔައިގެ ސިޔާސީ ޕާޓީތަކުންނާއި ޕާލަމެންޓްގައި ހިމެނޭ ކަނާތުފިޔައިގެ ސިޔާސީ ފަރާތްތަކުން ވަނީ ފަލަސްތީނު މުޖާހިދުންގެ ޖަމާއަތްތައް ބަލިނުކުރެވި ހަމަލާތައް ހުއްޓާލަން އިސްރާއީލަށް ޖެހުމަކީ ބޮޑު ލަދުވެތި ކަމެއްގެ އިތުރުން ނިކަމެތި ކަމެއްކަމަށާ އެކަމުގެ ނަތީޖާ އިސްރާއީލަށް ވަރަށް ގޯސްވާނެ ކަމުގައެވެ. މިއީ ފަލަސްތީނު މައްސަލާގައި ދުދޭން އިސްރާއީލަށް މަޖްބޫރުވެގެންދާނެ ކަމެއްކަމަށްވެސް އިސްރާއީލުގެ ކަނާތު ފިޔައިގެ ސިޔާސީ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.
އިސްރާއީލުގެ ރިޒާވް ފޯސްގެ ޖެނެރަލެއް ކަމަށްވާ ގީތާން ޑޮންގޯޓް ވަނީ މިއީ އިސްރާއީލަށް ލިބުނު ބޮޑު ނާކާމިޔާބީ އެއްކަމަށް ސިފަކޮށް އިސްރާއީލަށް ހަމަލާދިން ކުދިކުދި ޖަމާއަތްތަކުގެ ޙަމަލާތައް ނުހުއްޓުވި އާންމުން މެރިކަމުގެ ބަދުނާމާއެކު ހަނގުރާމަ ހުއްޓާލަން ޖެހުމަކީ އިސްރާއީލުގެ ހަޔާތުގައިވެސް ކުރިމަތިވި އެންމެ ބޮޑު އެއްނާކާމިޔާބީ ކަން ހާމަކޮށްފައެވެ.

ޣައްޒާގެ ހަނގުރާމައިގާ އިސްރާއީލުގެ މައްޗަށް ލިބުނު ނަސްރާ ގުޅިގެން ފަލަސްތީނުގައި އުފާ ފާޅުކުރަނީ
މިސްރުން ހުށަހެޅި ޙަމަލާތައް ހުއްޓާލުމުގެ މަޝްރޫއު ގަބޫލުކޮށް ޣައްޒާއަށް ދެމުން ގެންދިޔަ އުދުވާން ހުއްޓާލަން އިސްރާއީލުގެ ސަރުކާރުން އެއްބަސްވީ އިއްޔެއެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރަންފެށީ ރޭ މެންދަމު ފަލަސްތީނުގެ ގަޑިން 2 ގެ ފަހުންނެވެ. އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަމިއްލަ ނަފްސުގެ ދިފާއުގައި ޖިހާދުކުރާ ފަލަސްތީނުގެ ޖަމާއަތްތަކުގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވަނީ ހަމާސް ޖަމާއަތެވެ. ހަމާސް އިންވަނީ އިސްރާއީލުން އުދުވާން ހުއްޓާލާނަމަ ރައްދު ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައެވެ. ނަމަވެސް އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން އެންމެ ޙަމަލާއެއް ޣައްޒާއަށް ދިންނަމަވެސް އަނެއްކާ އިސްރާއީލަށް ރޮކެޓް ހަމަލާތައް ދޭން ފަށާނެކަމުގެ އިންޒާރު ހަމާސުންވަނީ ދީފައެވެ.
ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކަކީ އިސްރާއީލުން އެއްގަމާއި ވަޔާ އަދި ކަނޑުގެ މަގުން ހިސާރުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާގައި މަރުކަޒުކޮށްފައިވާ ޖަމާއަތްތަކެކެވެ. 15 އަހަރުވަންދެން ޙިސާރުގައި އޮތްޖަމާއަތްތަކަކުން އަމިއްލަ އަށް ރޮކެޓް ސައެންސާއި އޭގެ ޓެކްނޮލޮޖީ ތަރައްގީކޮށްގެން އެޖަމާއަތްތަކުންވަނީ އިސްރާއީލުގެ ތާރީޚުގައިވެސް އެގައުމަށް ނުދޭވަރުގެ ވަރުގަދަ ރައްދު ޙަމަލާތަކެއް ދީފައެވެ.

އިސްރާއީލުގެ އަނިޔާވެރިކަމުގެ މައްޗަށް ހޯދި ނަސްރާ ގުޅިގެން ފަލަސްތީނުގައި އުފާފާޅު ކުރަނީ
11 ދުވަހުގެ ހަނގުރާމައިގާ މުޖާހިދުން އިސްރާއީލަށް 4300 އަށްވުރެ ގިނަ ރޮކެޓް ޙަމަލާދީފައިވާއިރު 2014 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށްކުރި 51 ދުވަހުގެ ހަނގުރާމައި މުޖާހިދުންނަށް ދެވުނީ 4500 ރޮކެޓް ޙަމަލާއެވެ. އަނެއްކޮޅުން މިފަހަރުގެ ހަނގުރާމައިގާ އިސްރާއީލަށް ވައްޓާލެވުނު ފަލަސްތީނުގެ ރޮކެޓްތަކުގެ އަދަދުވެސް ބޮޑުތަނުން މާމަދެވެ. އަދި މުޖާހިދުންގެ ރޮކެޓްތަކުގެ އަމާޒު ރަނގަނޅުވެފައި އޭގެ ރާސްތާވެސް މާ ބޮޑެވެ. އެހެންކަމުން މިފަހަރުގެ ޣައްޒާގެ ހަނގުރާމައިގާ މުޖާހިދުންގެ ފަރާތުން އިސްރާއީލުގެ މުޅި އަސްކަރިއްޔާ ސިއްސުވާލައި ބިރުގަންނަވާލި ވަރުގެ ވޭންދެނިވި ރައްދެއް ވަނީދީފައެވެ.
މި ރައްދުގައި އިސްރާއީލުގެ އެތަށް ބަޔަކުމަރުވެ ޒަޚަމްވެ އިސްރާއީލުގެ 600 އަށްވުރެ ގިނަތަނުގައި އަލިފާން ރޯވެފައިވާއިރު އިސްރާއީލުގެ 30 އިންސައްތަ މީހުން ދިރިއުޅެންޖެހުނީ ބިންގަރާސްތަކުގައެވެ. އަދި އިސްރާއީލުގެ ގިނަ ސްކޫލްތަކާއި ކޮލެޖް ތަކާއި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ މީހުންގެ ވިޔަފާރިތައް ވަނީ ބަންދުކުރަން ޖެހިފައެވެ. އެތަށް ސަތޭކަ އިމާރާތެއް ހަލާކުވިއެވެ. އިސްރާއީލުގެ ގޭސްޕްލާންޓަކާއި ބައެއް ކާރުޚާނާތަކުގައި އަލިފާން ރޯވިއެވެ. އިސްރާއީލުގެ އަސްކަރީ ބޭސްތަކަށްވެސް މުޖާހިދުންގެ ރޮކެޓްތައް އަރާފައިވެއެވެ. އިސްރާއީލުގެ އެއާޕޯޓްތައް ބަންދުކޮށް އެއްގަމު ދަތުރުފަތުރު ގެ ބޮޑުބައެއް ހުއްޓުމަކަށް އައެވެ. މިކަމުގެ ސަބަބުން އެތަށް ސަތޭކަ މިލިޔަން ޑޮލަރުގެ ގެއްލުމެއް އިސްރާއީލަށް ލިބުނެވެ.
އަނެއްކޮޅުން މައުނަވީ ގޮތަށް ބަލާއިރު އިސްރާއީލަކީ ހަމަލާ ނާރާވަރުގެ ބާރުގަދަ ގައުމެއްކަމަށް ބުނެ އެތަށް އަހަރެއްވަންދެން ޕްރޮޕަގެންޑާކުރި ދެއްކުންތެރިކަންވެސް މުޖާހިދުންގެ ހަމަލާތަކާއެކުވަނީ ބިލާހަކަށް ވެގެންގޮސްފައެވެ. އިސްރާއީލު ސިފައިންގެ ބަލިކަށިކަމާއި މުޖާހިދުންގެ ރޮކެޓުން ދޭ އާދައިގެ ޙަމަލާތައްވެސް ނުހުއްޓުވުމުގެ ލަދުވެތިކަމާ އިސްރާއީލުވަނީ ކުރިމަތިލާންޖެހިފައެވެ.
ހަމާސް ފަދަ އިސްރާއީލުގެ ބަޑުދަށުގައި އިސްރާއީލުގެ ހިސާރުގައި 15 އަހަރު އޮތް ޖަމާއަތެއްގެ ޙަމަލާތައް ނުހުއްޓުވުނުއިރު އީރާނުގެ މަދަދު ލިބޭ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާ އިސްރާއީލު ހަނގުރާމަ ކުރާނީ ކޮންގޮތަކަށްތޯ ވަނީ އިސްރާއީލުގެ އެތެރޭގައި ވަނީ ސުވާލު އުފެދި ބިރުވެރިކަން އުފެދިފައެވެ. ހިޒްބުﷲ އަކީ މާބޮޑަށް މިސައިލް ޓެކްނޮލޮޖީ ތަރައްގީ ކޮށްފައިވާ އަދި މިލިޔަނެއްހާ މިސައިލްގެ ސްޓޮކެއް އޮތް ޖަމާއަތެއް ކަމަށްވެއެވެ. ހަމާސްގެ އަތުގައިވަނީ ލައްކައަކަށްވުރެ މަދު ރޮކެޓްކަމަށްވެއެވެ.
ހަމަލާތައް ނުހުއްޓައި އުދުވާން ދިގު ދެންމުމުގައިވެސް އިސްރާއީލު ގެ އަމާޒަކަށްވީ މުޖާހިދުންގެ ޙަމަލާތައް ހުއްޓުވައި އެމީހުން ބަލިކޮށްލުމަށްފަހު ހަމަލާތައް ހުއްޓާލުމެވެ. ނަމަވެސް 11 ދުވަސްވީއިރުވެސް މިކަންކުރުމުގައި ނާކާމިޔާބު ވުމުގެ އިތުރުން އެއްގަމު މަގުން ޣައްޒާއަށް ވަނުމަށްވެސް އިސްރާއީލުގެ އަސްކަރިއްޔާ ވަނީ ނުކުޅެދިފައެވެ.
އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތަށް އިމާރާތެއް ބިމާ ހަމަކޮށް 230 އަށްވުރެ ގިނައާންމުން ޝަހީދުކޮށް 1300 އަށްވުރެ ގިނަ އާންމުން ޒަޚަމްކޮށް 50 ހާސް މީހުންގެ މަގުމަތިކޮށް ހަނގުރާމައިގެ ޖަރީމާ ހިންގުމުގައި އިސްރާއީލު ސިފައިން ބޮޑެތި ކާމިޔާބީތަކެއް ހޯދި ނަމަވެސް މުޖާހިދުންގެ ޙަމަލާތައް ހުއްޓުވުމުގައި އިސްރާއީލުގެ އަސްކަރިއްޔަ ވަނީ މުޅިން އިނދަޖެހިފައެވެ. އަދި މުޖާހިދުންގެ ބިން ގަރާސްތައް ހަލާކުކޮށްލުމުގައިވެސް އިސްރާއީލުގެ އަސްކަރިއްޔާވަނީފެއިލްވެފައެވެ. މިނިވަންކަމުގެ ހަނގުރާމައަކީ ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއްކަން ފަލަސްތީނު ރައްޔިތުންނަށް އެނގެއެވެ.
މީގެ ނަތީޖާއަކީ ކިތަންމެ ބަޔަކު ޝަހީދުވިޔަސް ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ކުރާ ޖިހާދު ކާމިޔާބު ވާނެކަން ފަލަސްތީނު ރައްޔިތުންނަށް އިހްސާސް ވުމެވެ. އެކަމުގެ އުންމީދު ބޮޑުވުމެވެ. ޖިހާދުކޮށްގެން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ކާމިޔާބު ހޯދައި ފަލަސްތީނުގެ ހައްގުތައް ހޯދައި ބިންތައް މިނިވަންކުރެވޭނެ ކަމުގެ ޔަގީންކަން ފަލަސްތީނު ރައްޔިތުންނަށް ލިބިގެން ދިޔުމެވެ. އަނެއްކޮޅުން ފަލަސްތީނުގެ ހައްގުތަކުގައި ދޫދޭން އިސްރާއީލަށް މަޖްބޫރުވުމެވެ. އަދި ބާރުގެ ބޭނުންކޮށްގެން ތާއަބަދު ފަލަސްތީނުގެ ބިންތައް ހިފައިގެން އިސްރާއީލަށް ނޯވެވޭނެ ކަމުގެ މެސެޖް އިސްރާއީލުގެ ރައްޔިތުންނަށް ލިބިގެން ދިޔުމެވެ.